އިންސާނުންނަކީވެސް އަޖައިބެއް ފަދަ ބައެކެވެ. މޫސުން ބަދަލުވާހެން އެކިފަހަރުމަތިން ބަދަލުވާ ބައެކެވެ. އެއްދުވަހު ތިމާގެ މިތުރަކަށް ވެގެން ގާތުގައި ހުންނައިރު އަނެއްދުވަހު ފަރުދާގެ ފުރަގަހުގައި ހުރެ ތިމާގެ މެޔަށް ވަޅިހަރާލަންވެސް ފަހެއް ނުޖެހޭނެއެވެ. ލައިބާއަށްވެސް ވީ މިފަދަ ގޮތަކަށެވެ. މާ ބޮޑަށް މީހަކަށް އިތުބާރު ކުރެވުނީއެވެ. އަލަތު ލޯބީގެ ގުޅުން ފުރާނައަށް ނުރައްކާތެރި ވިހަގަދަ ދުޝްމިނަކަށް ވާން ނެގީ އެސްފިޔަޖަހާލައިހާ މަދު ދުވަސްކޮޅެކެވެ. މި ކިޔާދެނީ ލައިބާގެ ވާހަކައެވެ. އަޑުއަހާށެވެ. އިބްރަތް ހާސިލްކުރާށެވެ.
ލައިބާއަކީ މެޕްސް ކޮލެޖުގައި ގުރޭޑް ބާރައިގައި ތައުލީމު ހާސިލްކުރަމުން އަންނަ ދަރިވަރެކެވެ. އެންމެންގެ ލޯތްބާއި އިހްތިރާމު ހޯދާފައިވާ ލައިބާއަކީ ކިޔަވުމަށް އެހާ މޮޅުވުމުގެ އިތުރުން ކޮލެޖުގެ އެހެނިހެން ހަރަކާތްތަކުގައިވެސް ބައިވެރިވާ ކުއްޖެކެވެ. ރައްޓެހިން އެހާ ގިނައިން ގެންގުޅުމަކީ ލައިބާ އެއްއިރެއްގައިވެސް އެހާ ކުރާހިތްވާ ކަމެއްނޫނެވެ. އަދި އަމުދުން ލޯބިވެރިއެއް ގެންގުޅުމުގެ ހިޔާލެއްވެސް ލައިބާގެ ސިނކުޑިއަކު ނުހުރެއެވެ. މިކަންކަމާ ހެދި އޭނާގެ މައިންބަފައިން ތިބެނީ ވަރަށް އުފަލުންނެވެ.
ދުވަހަކީ އަވިގަދަ ދުވަހެކެވެ. މެންދުރުގެ ރަތްދަކަ އަވީގައި ގޯތިތެރެ ކުނިކަހަން އޮތް ހައްވަ ސިހިގެން ދިޔައީ ގޭތެރެއިން މީހަކު ހަޅޭއްލަވައިގަތް އަޑަށެވެ. "އޯ އެމްޖީ ޔެސް“.
ހެދުން އަރުވާޖަހަމުން އިލޮށިފައްޗަކާ އިލޮށިފައްޗެއް ކަމަށް ބިންމައްޗަށް ދޫކޮށްލަމުން ގޭތެރެއަށް ދުއްވައިގަތެވެ. "ކޮންހާ ހަޅޭއްކެއްތަ ތިލަވަނީ....ކުނިކެހޭވަރެއް ނޫނޭ" ތުން ދަމާލަމުން ހައްވަ ސިޓިންގްރޫމްގެ ސޯފާގައި ލެޕްޓޮޕު ހިފައިގެން އޮތް ކިޔާން އާ ދިމާލަށް ވަށް ބަހުން ޖަހާލިއެވެ. "މަންމާ...އަހަރެންނަށް އެކްސްސެޕްޓަންސް ލެޓާ ލިބިއްޖެ...އާދެބަލަ ބަލާލަން" ލެޕްޓޮޕް ހައްވަ އާއި ދިމާލަށް ދިއްކޮށްލަމުން ކިޔާން ހެވިދިލިފައި ހުރެ ބުނެލިއެވެ. ހައްވަ ކިޔާން އާ ގާތްވެލަމުން ލެޕްޓޮޕް އިން ހުޅުވާލައިފައިވާ މެއިލްއެއް ކިޔަން ފެށިއެވެ.
"އަނޅުގަނޑުމެން ތިޔަފަރާތުގެ އެދުމުގެމަތިން ޕާޓް ޓައިމް އިނގިރޭސި ޓީޗަރަކަށް ތިޔަފަރާތަށް ޓްރެއިނިންގް ކުރުމުގެ ފުރުސަތު ދޭން ހަމަޖައްސައިފީމެވެ. ހޯމަ ދުވަހުން ފައްޓައިގެން ހާޒިރުވުމަށް އެދެމެވެ."
ވީ އުފަލުން ހައްވަ ކިޔާން ގައިގަ ބައްދައިގަތެވެ. ކިޔާންވެސް އޭނާގެ މަންމަގެ ގައިގައި ކުޑަކުއްޖެއް ފަދައިން އޮޅުލައިގަތެވެ.
ކިޔާން އެރޭ ނިދަން އޮށޯތީ ވަރަށް ފޮނި އުއްމީދުތަކެއް ކުރަމުންނެވެ. ޓީޗިންގް އިން ދެ އަހަރުގެ ޑިގްރީއެއް ފުރިހަމަ ކުރުމަށް ފަހު ފަންސަވީސް އަހަރުގެ ކިޔާން އެއުޅެނީ މެޕްސް ކޮލެޖަށް ޓްރެއިނިންއަށް ދާށެވެ. ކޮލެޖުން ސެޓްޕިކެޓް ލިބެނީ ހަމަހުގެ ޓީޗިންގް ޓްރެއިނިން އެއް ފަހުން ކަމުގައި ވުމުން މިކަން ކޮންމެގޮތެއް ހަދާފައި ވިޔަސް ކިޔާން ހުރީ ހާސިލު ކުރަން ބޭނުން ވެފައެވެ.
ހޯމަ ދުވަހަށް އިރު ފެނުން ތޮޅިލީ ލައިބާ ކޮލެޖަށް ދިޔުމަށްޓަކައި ތައްޔާރު ވަމުން ދަނިކޮށެވެ. ލޯގަނޑު ކުރިމަތީގައި ހުރެ ފަރިބަލަމުން ލާފައިވާ ސްކާޓްގެ ފަސްބައިގައި ހިފާލަމުން ރަނގަޅު ކޮށްލިއެވެ. ގަޑިޖެހެން ތިރީސް މިނެޓް އޮއްވައި ބަދިގެއަށް ސައިބޯން ނުކުތެވެ. ”ދަރިފުޅާ...މިއަދު ހާދަ ހެވިފައިހުރި ދުވަހެކޭ، އަނެއްކާ ކިހިނެއްވީ؟“. ލައިބާގެ ބައްޕަ ޖައުފަރު ކޮފީތަށިން ކޯވަރެއް ދަމާލަމުން ވާހަކަ ދެއްކިއެވެ. ”ނޭނގެ، މިއަދު ހަމަ ވަރަށް އެހެން ކަހަލަ އިހުސާސެއް ކުރެވެނީ.“ ލައިބާވެސް ސައިޖޯޑުން އެތިފޮދެއް ބޯލަމުން ބުނެލިއެވެ.
ޖައުފަރާއި ލައިބާ ސައިކަލުގައި މިސްރާބު ޖެހީ ކޮލެޖާއި ދިމާލަށެވެ. ދެމީހުން ސައިކަލު މަތީގައި އޮލަ ވާހައިގައި ތިބެގެން ދުއްވަމުން ދަނިކޮށް ކުއްލިއަކަށް ގޯޅިގަނޑަކުން ނިކުތް އެހެން ސައިކަލެއްގައި ނުޖެހުނީ ހަމަ ކިރިޔާއެވެ. އެ ސައިކަލު ދުއްވަން އިން ޒުވާނާ ހުށިޔާރުކަމާއެކު އޭނާގެ ސައިކަލު ބުރަކި ނުހިފިނަމަ އެކްސިޑެންޓެއް ވީސްކަން ކަށަވަރެވެ. ”ތަންކޮޅެއް ބަލައިގެން ދުއްވަބަ....ކިރިޔާނުން ނުޖެހުނީ.“ ކިޔާން ހުރީ ވަރަށް ހިތްހަމަ ނުޖެހިފައެވެ. ޖައުފަރު ނިތް އަރުވާލިއެވެ. ”ބަލަ...ކަލޭމެން ޒުވާން ކުދިންވެސް ސައިކަލު ދުއްވާ އިރު ތަންކޮޅެއް މަޑުން އާދައިގެ ސްޕީޑެއްގައި ދުއްވާލިޔަސް ގައިން ބަޔެއް މަދެއް ނުވާނެ.“ ޖައުފަރުވެސް ހުރީ ދޫކުރާ ގޮތަކަށް ނޫނެވެ. ކާރުތަކާއި އެހެން ދުއްވާ އެއްޗެހި ބަރުގޮނު އަޅަން ފެށުމުން ކިޔާން ދުއްވާލިއެވެ. އެހިނދު ޖައުފަރުގެ ސައިކަލު ފަހަތުގައި އިން ލައިބާގެ ފަން އިސްތަށިގަނޑު ކިޔާންގެ ލޮލުގައި އަޅައިގަތެވެ. ލައިބާ ފަހަތަށް އެނބުރި ބަލާލި އިރު ކިޔާން ހިނިތުންވެލަމުން ގޮސް ލޮލުގެ ކޮޅަށް ގެއްލިއްޖެއެވެ.
ފުންނޭވާއެއް ލަމުން ކިޔާން ކްލާސް ތެރެއަށް ވަދެގެންގޮސް ޑެސްކު ކައިރިއަށް ހުއްޓި ވަށައިގެން ނަޒަރު ހިންގާލިއެވެ. މިއަދުމީ ޓްރެއިނިންގެ ފުރަތަމަ ދުވަސް ކަމުން މީހާ ހުރީ ވަރަށް ހާސްވެ ފިނިވެފައެވެ. ”އައްސަލާމް އަލައިކުމް...އަހަރެންނަކީ ތި ދަރިވަރުންނަށް އިނގިރޭސި ކިޔަވައި ދޭން މި ކޮލެޖަށް ޓްރެއިނިންގް އަށް އައި މީހެއް..އަހަންނަށް ކިޔަނީ ކިޔާން.“ ވާހަކަ ދައްކަމުން ދިޔަ އިރު ކްލާސް ތެރޭގައި ވާ މޫނުތަކުގެ ތެރެއިން މޫނެއް ކިޔާންގެ ސަމާލުކަން އަތުލައިގަތެވެ. ދިގު އެސްފިޔަތަކެކެވެ. ބޮޑު ދެލޮލެވެ. ފިނިފެންމަލެއް ފަދަ ޗާލު ތުންފަތެވެ. ފަން ދިގު އިސްތަށިގަނޑެވެ.
ލައިބާ އިނީ ކިޔާން އޭނާއަށް ބަލަހައްޓައިގެން އިން ގޮތުން ލަދުގަނެފައެވެ. ލުއި ހިނިތުން ވުމެއް ތުންފަތަށް ވެރިވުމުން އިސް ޖަހާލިއެވެ.
ވަގުތު ހިގަމުންގޮސް ދުވަހުގެ ކިޔެވުންވެސް ނިމިއްޖެއެވެ. ލައިބާ ކޮލެޖުން ނިކުންނަން އުޅެނިކޮށް މީހެއް ގޮވާ އަޑު އިވިގެން ފަހަތަށް އެނބުރި ބަލާލި އިރު ކިޔާން އައިސް ލައިބާ އާ އަރާ ހަމަކުރަނީއެވެ. ވަގުތުން ލައިބާގެ ހަތަރެސްފައި ފިނިވެގެން ދިޔައެވެ. ”ލައިބާ...އަހަރެންނާ އެކު ކޮފީއަކަށް ދެވިދާނެތަ.؟“ ލައިބާ ހީވީ ލަދުން ބިންމައްޗަށް ވިރުނުހެންނެވެ. ހަގީގަތުގައިވެސް ކިޔާން އެންމެ ފުރަތަމަ ފަހަރަށް ފެނިލުމުންވެސް ލައިބާގެ ހިތަށް ގޮތްގޮތަކެއް ވެއްޖެއެވެ. އާގޮތަކަށް ވިންދެއް ޖަހާލިއެވެ. ”ބައްޕަ އެބަ އާދޭ ބަލާ...އެހެން ފަހަރަކުން ދޯ؟“ އެދުވަހު ލައިބާ ދިޔައީ ކިޔާން އަށް ފޯނު ނަމްބަރުވެސް ދީފައެވެ.
ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް ދެކުދިންގެ އެކުވެރިކަންވެސް ދިޔައީ ބަދަހިވަމުންނެވެ. ކޮލެޖުގެ އިތުރުން ކެފޭތަކާއި އާޓިފިޝަލް ބީޗްވެސް ވަނީ މިދެކުދިންގެ ބައްދަލުވުން ތަކުގެ މަންޒިލުތަކަށް ވެފައެވެ. ކިޔެވުމުގައި ލައިބާއަށް ކިޔާންގެ އެއްބާރުލުމާއި އެހީ ވަރަށް ބޮޑަށް ލިބެއެވެ. މިގޮތުގެ މަތިން ލައިބާގެ ކިޔެވުންވެސް ނިމި ލައިބާ ޓޮޕް ޓެންގައި ލައްވާލިއެވެ. އަދި އިނގިރޭސިން އޭ ޕްލަސް އާ އެކު މުޅި ކޮލެޖުންވެސް އެއްވަނަ ހޯދިއެވެ. މިކަމުގެ އުފާ ފާހަގަ ކުރުމުގެ ގޮތުން ލައިބާގެ މައިންބަފައިން ކުޑަ ޕާޓީއެއް ބޭއްވިއެވެ.
ކިޔާން ތައްޔާރު ވަމުން ދިޔައީ ލައިބާގެ ގެޔަށް ދިޔުމަށެވެ. ނިތްކުރިން ހިލެމުން ދިޔަ އޮއްދާ ތިކިތަށް އަތުގެ ނުފުށުން ފޮހެލިއެވެ. ”މިރޭ އަހާނަން....“ ހިތާހިތުން ކިޔާން ބުނެލިއެވެ.
”ވިލް ޔޫ މެރީ މީ.؟“ އެންމެންގެ ތެރޭގައި ކިޔާން އެހެން ޕްރޮޕޯސް ކުރުމުން ލައިބާ ހުރީ ރަކިވެފައެވެ. ޖައުފަރު ދުރުގައި ނުރުހުމުގެ ނަޒަރަކުން ބަލަން ހުއްޓެވެ. ”ޔެސް..އައި ...އައި ވިލް“ ކިޔާން ރަން އަނގޮޓިއެއް ލައިބާގެ އިނގިލީގައި އަޅުވައިދިނެވެ.
ވަރަށް އުނދަގުލުން ނަމަވެސް އެންމެ ފަހުން ޖައުފަރުވެސް ދެކުދިންގެ ކައިވެންޏަށް އެއްބަސް ވިއެވެ. ”އެދުވަހު ވީކަމަށް އަނޅުގަޑަށް މާފު ކުރައްވާ، ހަގީގަތުގައި އަޅުގަނޑަށްވެސް ސައިކަލު ދުއްވުނީ ބަލަން ޖެހޭ ވަރަށް ނުބަލާ.“ ކިޔާން ވާހަކަ ދެއްކީ ޖައުފަރާއެވެ. ޖައުފަރު ހެމުން ކިޔާންގެ ކޮނޑުގައި ޖަހާލިއެވެ. ”ދެން އެކަން ނިމިއްޖެ އެއްނުން...ހިނގާބަލަ ކައިވެނީގެ ކަންތަކާ އުޅެން ދެންވެސް.“
ދެހަފްތާ ފަހުން ކައިވެނި ކޮށްފިއެވެ. ހަ މަހުގެ ޓްރެއިނިން ފުރިހަމަ ވުމުން ވަޒީފާއަށް ވެސް ކިޔާން ކޮލެޖަށް ދާން ފެށިއެވެ. އުފާވެރި ކަމުގެ ދުވަސްތަކަކަށް ފަހު ވާރޭގެ ކަޅު ވިލާގަނޑެއް ލައިބާގެ ހަޔާތަށް އޮއްސާލީ ކިޔާން ޑްރަގްސްގެ ވަބާގައި ޖެހުމުންނެވެ. ލައިބާގެ އަލަތު ލޯބި ބަދަލުވެގެން ދިޔައީ ލައިބާގެ ފުރާނައަށް ނުރައްކާތެރި ދުޝްމަނަކަށެވެ. އެތަކެއް ފަހަރު މަތިން ކިޔާން ލައިބާއަށް އަނިޔާ ކޮށްފައި ވެއެވެ. އެންމެފަހުން ކިޔާން ލައިބާ ވަރި ކުރީ ޖައުފަރު ޕޮލިހުންނަށް ގުޅަން އިންޒާރު ދިނުމުންނެވެ. އޭގެ އެއްމަސް ފަހުން ގޭންގް މާރާމާރީއެއްގެ މައްސަލައެއްގައި ކިޔާން ވަނީ ހައްޔަރުކޮށް ދިގު މުއްދަތަކަށް ޖަލަށް ލާފައެވެ.
ލައިބާ މިހާރަކު އެއްވެސް މީހަކަށް އިތުބާރެއް ނުކުރެއެވެ. ކައުންސެލިން ހޯދުމުން ލުޔެއް ލިބުނަސް ތާ އަބަދުގެ އަބަދަށް ލައިބާ ވަނީ މީހުން މަތިން ހިތް ކެނޑިފައެވެ.
އިންސާނުންނަކީ ހަމަ އަޖައިބެއް ފަދަ ބަޔެކެވެ. މޫސުންހެން ކުލަވަރު ބަދަލުވާ ބަޔެކެވެ.
- ނިމުނީ -
އެހާ ރީތި ވާހަކައެށްނޫން ފަހުބައިގެ ހާދިސާ ރަނގަޅެއްނޫން އަދި ތިޔަށްވުރެރީތިކޮއް ތި ހާދިސާއަށް ލިޔެވޭނެ