ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބު 2020 ގައި ސަރުކާރުގެ ތެރެއިން ފޯރުވެން ހުރި ހުރިހާ ނުފޫޒެއް ފޯރުވައިގެން ވެސް ސަރުކާރަށް ލިބުނީ 30 ޕަސެންޓު ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް ވިދާޅުވީ މި ސަރުކާރަށް ވެރިކަމުގައި ބޮޑު ކުރެވުނީ ހަމައެކަނި "އަންބޮނޑިއާއި ވައްކަން" ކަމަށާއި މާލެ ހިމެނޭ ގޮތަށް، އެތައް ރައްޔިތުންނެއް އެމްޑީޕީީގެ އަތް ދަށުން ސަލާމަތްވެގަތީ އެހެންވެ ކަމަށެވެ.

ޖަމީލު އެފެދައިން ވިދާޅުވެފައި ވަނީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރަށް ލިބުނީ ކާމިޔާބެއް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސިފަކުރެއްވުމުން އެކަމަށް ރައްދު ދެއްވާއެވެ.

އެކަމާ ގުޅިގެން ޖަމީލް ވަނީ ކާމިޔާބަކަށް ވީ ވައްކަން ކުރުންތޯ ސުވާލު ކުރައްވާފައެވެ. އަދި ވޯޓުދިން ރައްޔިތުންނަށް މަލާމާތް ކުރެއްވުން ހުއްޓަވާ ލެއްވުމަށް އޭނާ ގޮވާލެއްވިއެވެ.

ހުރިހާ ނުފޫޒެއް ފޯރުވައިގެން ލިބުނީ 30 ޕަސެންޓް. ވެރިކަމުގައި ބޮޑުކުރެވުނީ ހަމައެކަނި އަންބޮނޑިއާއި ވައްކަން. މާލެހިމެނޭ ގޮތަށް އެތައް ރައްޔިތުން އެމްޑީޕީީގެ އަތްދަށުން ސަލާމަތްވެގަތީ އެހެންވެ. ކާމިޔާބަކަށްވީ އެކަންތޯ؟ ވޯޓުދިން ރައްޔިތުންނަށް މަލާމާތްކުރުން ހުއްޓާލައްވާ.
ޑރ. ޖަމީލް

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގެ 92 ޕަސެންޓް ވޯޓު ގުނި އިރު ވޯޓުގެ 49 ޕަސެންޓް ވަނީ އެމްޑީޕީއަށް ކާމިޔާބު ކުރެވިފައި ކަމަށެވެ.

މިޑްޓާމް އިލެކްޝަނެއްގައި އަދި މިހާތަނަށް މިވަރުގެ ކާމިޔާބީއެއް އެއްވެސް ސަރުކާރަކަށް ހާސިލް ކުރެވިފައި ނުވާ ކަމަށާއި މި ކާމިޔާބީ ފާހަގަ ކުރައްވާ އިރު ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުންތަކާއި އިހްސާސްތައް ހުރިކަން ފާހަގަ ކުރެއްވިފައި ވާ ކަމަށްވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.

އިންތިހާބުގެ ނަތީޖާއާ ގުޅޭ ގޮތުން އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މާލެ ސިޓީގެ ކައުންސިލަށް ވަނީ ވަރަށް ބޮޑު ބަދަލެއް އައިސްފައި ކަމަށާއި އެއީ މާލެ ސިޓީގެ ރައްޔިތުންގެ ނިންމުމެއް ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. މި އިންތިހާބުގައި މި ސަރުކާރަށް ވަރަށް ބޮޑު ކާމިޔާބެއް ލިބިފައިވާ ކަން ފާހަގަ ކުރައްވަމުން ރައީސް ސޯލިހް ވިދާޅުވީ މި އިންތިހާބު ކާމިޔާބު ކުރި ކެންޑިޑޭޓުންގެ ތެރެއިން 35 ޕަސެންޓަކީ އަންހެނުން ކަމީ ވަރަށް ބޮޑަށް އުފާ ކުރައްވާ ކަމެއް ކަަމަށެވެ. އަދި އަންހެނުން ބާރުވެރި ކުރުވުމަކީ މިސަރުކާރުގެ އެއް އަމާޒު ކަމަށް ރައީސް ވިދާޅުވިއެވެ.