އެހީތެރިކަމަށް ބޭނުންވެފައި ތިބި ކުދިންނަށް މި ރަމަޟާން މަހު އެހީތެރިވުމަށް އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް)އަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 100،000 ރުފިޔާ ހަދިޔާކޮށްފިއެވެ.

ބީއެމްއެލުން ބުނީ އެ ފައިސާ ހަދިޔާކޮށްފައިވަނީ އެޖަމިއްޔާއިން ހިންގާ އާކް އެއިޑް ޕްރޮގްރާމަށް ކަމަށެވެ.

އާކް އެއިޑް ޕްރޮގްރާމްގެ ދަށުން އެހީތެރިކަން ބޭނުންވާ ކުދިންނާއި އެކުދިންގެ އާއިލާތަކަށް އަންނަނީ އަސާސީ ކާބޯތަކެތި ފޯރުކޮށްދެމުންނެވެ. މިފަހަރު ބޭންކުން ހަދިޔާކުރި ފައިސާ އިން މާލޭ ސިޓީގައި ދިރިއުޅޭ 70 އާއިލާއެއްގެ 150 ކުދިންނަށް ކާބޯތަކެތީގެ އެހީ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިދިޔަ އަހަރުވެސް ބޭންކުން ވަނީ ކޮވިޑް-19 ގެ ސަބަބުން އެހީއަށް ބޭނުންވާ ކުދިންނަށް އެހީތެރިވުމަށް އާކް އެއިޑް ޕްރޮގްރާމަށް 200،000 ރުފިޔާ ހަދިޔާކޮށްފައެވެ.

މި އެހީގެ ދަށުން ރާއްޖޭގެ 14 ރަށެއްގައި ދިރިއުޅޭ 300 އާއިލާއެއްގެ 587 ކުދިންނަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.