ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުން ސަރުކާރަށް ލިބުނީ ވަރަށް ބޮޑު ކާމިޔާބީއެއް ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ސިފަ ކުރައްވައިފިއެވެ.

ރައީސް ސޯލިހް ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބުގެ 92 ޕަސެންޓް ވޯޓު ގުނި އިރު ވޯޓުގެ 49 ޕަސެންޓް ވަނީ އެމްޑީޕީއަށް ކާމިޔާބު ކުރެވިފައި ކަމަށެވެ. މިޑްޓާމް އިލެކްޝަނެއްގައި އަދި މިހާތަނަށް މިވަރުގެ ކާމިޔާބީއެއް އެއްވެސް ސަރުކާރަކަށް ހާސިލް ކުރެވިފައި ނުވާ ކަމަށާއި މި ކާމިޔާބީ ފާހަގަ ކުރައްވާއިރު ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުންތަކާއި އިހްސާސްތައް ހުރިކަން ފާހަގަ ކުރެއްވިފައިވާ ކަމަށްވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.

އިންތިހާބުގެ ނަތީޖާއާ ގުޅޭ ގޮތުން އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މާލެ ސިޓީގެ ކައުންސިލަށް ވަނީ ވަރަށް ބޮޑު ބަދަލެއް އައިސްފައި ކަމަށާއި އެއީ މާލެ ސިޓީގެ ރައްޔިތުންގެ ނިންމުމެއް ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. މި އިންތިހާބުގައި މި ސަރުކާރަށް ވަރަށް ބޮޑު ކާމިޔާބެއް ލިބިފައިވާ ކަން ފާހަގަ ކުރައްވަމުން ރައީސް ސޯލިހް ވިދާޅުވީ މި އިންތިހާބު ކާމިޔާބު ކުރި ކެންޑިޑޭޓުންގެ ތެރެއިން 35 ޕަސެންޓަކީ އަންހެނުން ކަމީ ވަރަށް ބޮޑަށް އުފާ ކުރައްވާ ކަމެއް ކަަމަށެވެ. އަދި އަންހެނުން ބާރުވެރި ކުރުވުމަކީ މިސަރުކާރުގެ އެއް އަމާޒު ކަމަށް ރައީސް ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބު ކާމިޔާބު ކުރި ހުރިހާ ފަރާތްތަކަށް ރައީސް ސޯލިހް މަރުހަބާ ދަންނަވަމުން ވިދާޅުވީ، އެ ފަރާތްތަކުން ސަރުކާރާ އެކުގައި މަސައްކަތް ކުރުމަށް އެއްބާރުލުން ދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.