މިއަދު ޖުމްލަ 93 މީހަަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެ ޖުމަލ އެކްޓިވް ކޭސްގެ އަދަދު 3500 އިން މައްޗަށް އަރައިފިއެވެ.
އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 50 މީހަކާއި، ހިންގަމުން ދާ ރިސޯޓަކުން 22 މީހަކާއި މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި 21 މީހުން ކަމަށެވެ.
މިއަދުގެ ކޮވިޑް އަޕްޑޭޓު:
- މިއަދު ޕޮޒިޓިވްވި އަދަދު: 93
- ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވާ މީހުންގެ އަދަދު: 72
- ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު: 25،617
- ކޮވިޑް އެކްޓިވް ކޭސް: 3516
- ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު 22،551
- ކޮވިޑް މަރުގެ ޖުމްލަ އަދަދު: 67
މި ބަލީގައި މަރުވި މީހުންގެ އިތުރުން މި ބައްޔަށް ޕޮޒިޓިވް ވި 9 މީހަކު ވަނީ މަރުވެފައެވެ. ނަމަވެސް އެ މީހުން މަރުވީ ކޮވިޑް ޖެހިގެން ނޫން ކަމަށް ވަނީ ނިންމާފައެވެ.
އެޗްޕީގޭ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިވަގުތު ޖުމްލަ 76 ރަށެއްގައި ކޮވިޑް އެކްޓިވް ކޭސްތައް އެބަ އުޅެއެވެ. އެ ރަށްތަކުން ޖުމްލަ 1000 އަށް ވުރެ ކޮވިޑް ކޭސް މިހާތަނަށް ފެނިފައި ވެއެވެ. މޮނިޓަރިން ހާލަތަށް މިހާރު ޖުމްލަ 11 ރަށެއް ވަނީ ބަދަލު ކޮށްފައެވެ.. އެއީ ތ. ކިނިބިދޫ، ކ. ހުރާ، ކ. ދިއްފުށި، ޅ. ނައިފަރު، ޅ. ފެލިވަރު، ޅ. އޮޅުވެލިފުށި، ޅ. ކުރެންދޫ، އދ. މާމިގިލި، ތ. ވިލުފުށި އަދި ތ. ވޭމަންޑޫ އެވެ. އަދި މިހާރު ވޭމަޑޫން މި ދިޔަ މާޗް މަހުގެ 15 ގެ ފަހުން ރަށްރަށަށް ނުވަތަ މާލެއަށް ދަތުރު ކުރި ފަރާތެއް ވާނަމަ ކަރަންޓިން ވުމަށާއި އެކަން އެރަށެއްގެ ސިއްހީ މަރުކަޒު ނުވަތަ ހޮސްޕިތަލަށް އަނގާ 10 ދުވަހުގެ ކަަރަންޓީން ފުރިހަމަ ކުރުމަށްފަހު ކޮވިޑަށް ޓެސްޓު ކުރުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ.
ފާއިތުވި މަސް ތެރޭގައި ރަށްރަށުން ފެންނަ ކޮވިޑް ކޭސްތައް ބޮޑުތަނުން އިތުރު ވެފައި ވާ ކަން އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އަތޮޅުތެރޭގެ ބައެއް ރަށްތަކުން ރެންޑަމް ސާމްޕަލްތައް ވެސް ދަނީ ޕޮޒިޓިވް ވަމުންނެވެ. އެގޮތުން، ބައެއް ރަށްރަށުން މީހަކު ޕޮޒިޓިވް ކަން އެނގޭއިރު، ރަށުގައި ބަލި ފެތުރި، ރަށުގެ ގިނަ ބަޔަކަށް ބަލި ޖެހިފައި ވެސް އެބަ ހުއްޓެވެ. ބައެއް ފަހަރު އެ ކޭސްތަކަކީ ކަރަންޓީނު ވާ މީހުންނާ ގުޅުން ހުރި ކޭސްތަކަށް ވެސް ވެއެވެ.
ކޮވިޑްގެ މި ހާލަތުގައި މާލެ ސަރަހައްދުގައި ރައްކާތެރި ކަމަށް އެޅި ފިޔަވަޅުތަކަށް އެޗްޕީއޭއިން ވަނީ ލުއި ދީފައެވެ. އެގޮތުން ކެފޭ/ރެސްޓޯރަންޓްތައް ހުޅުވާފައި ބެހެއްޓޭ ވަގުތު އިތުރުކޮށް ވެހިކަލް މަނާ ވަގުތު ވަނީ އުވާލާފައެވެ. އަދި މިހާރު ސުކޫލުތައް ވެސް ވަނީ ފަށާފައެވެ. އަދި މިމަހު އެއް ވަނަ ދުވަހު ވަނީ ކާފިއު އުވާލާ ގިނަ ލުއިތަކެއް ދީފައެވެ. އެޗްޕީއޭއިން މީގެ ކުރިން ވެސް ބުނެފައި ވަނީ ރޯދައަށް ވަރަށް ގިނަ ލުއިތަކެއް ދޭން މަސައްކަތް ކުރާނެ ކަމަށެވެ.