ތ. ކިނބިދޫން ޕޮޒިޓިވް ކޭސްތަކެއް ފެނި އެ ރަށް މޮނިޓަރިން ހާލަތަށް ބަދަލުކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭ އިން ބުނީ، ކިނިބިދޫން 4 ޕޮޒިޓިވް ކޭސް ފެނިފައިވާ ކަމަށެވެ. އޭގެތެރެއިން 3 މީހުންނަކީ ކޮވިޑް ބަލީގެ އަލާމްތައް ހުރެގެން ޓެސްޓު ކުރި މީހުންނެވެ. އަދި ތ. ވޭމަންޑޫން އެ ރަށަށް ދަތުރު ކުރި މީހެއް ވެސް ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
އެޗްޕީގޭ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިވަގުތު ޖުމްލަ 75 ރަށެއްގައި ކޮވިޑް އެކްޓިވް ކޭސްތައް އެބަ އުޅެއެވެ. އެ ރަށްތަކުން ޖުމްލަ 1000 އަށް ވުރެ ކޮވިޑް ކޭސް މިހާތަނަށް ފެނިފައި ވެއެވެ.
ކިނިބިދޫ މޮނިޓަރިން ހާލަތަށް ބަދަލު ކުރުމުން މިހާރު ޖުމްލަ 11 ރަށެއް ވަނީ މޮނިޓަރުންގެ ހާލަތުގައެވެ. އެއީ ކިނިބިދޫގެ އިތުރުން ކ. ހުރާ، ކ. ދިއްފުށި، ޅ. ނައިފަރު، ޅ. ފެލިވަރު، ޅ. އޮޅުވެލިފުށި، ޅ. ކުރެންދޫ، އދ. މާމިގިލި، ތ. ވިލުފުށި އަދި ތ. ވޭމަންޑޫ އެވެ.
ފާއިތުވި މަސް ތެރޭގައި ރަށްރަށުން ފެންނަ ކޮވިޑް ކޭސްތައް ބޮޑުތަނުން އިތުރު ވެފައި ވާ ކަން އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އަތޮޅުތެރޭގެ ބައެއް ރަށްތަކުން ރެންޑަމް ސާމްޕަލްތައް ވެސް ދަނީ ޕޮޒިޓިވް ވަމުންނެވެ. އެގޮތުން، ބައެއް ރަށްރަށުން މީހަކު ޕޮޒިޓިވް ކަން އެނގޭއިރު، ރަށުގައި ބަލި ފެތުރި، ރަށުގެ ގިނަ ބަޔަކަށް ބަލި ޖެހިފައި ވެސް އެބަ ހުއްޓެވެ. ބައެއް ފަހަރު އެ ކޭސްތަކަކީ ކަރަންޓީނު ވާ މީހުންނާ ގުޅުން ހުރި ކޭސްތަކަށް ވެސް ވެއެވެ.