ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ދައުވާ އުފުލައި ހައްޔަރު ކޮށްފައި ވާ ގދ. ގައްދޫ ވިންސެންޓް، މުހައްމަދު އަހްމަދު (އެމްޑީ) އެ ރަށު ކައުންސިލް ރައީސް ކަމަށް ވާދަކޮށް އެ މަގާމު ކާމިޔާބު ކޮށްފިއެވެ.
އިއްޔެ ކުރިޔަށް ދިޔަ ލޯކަލް ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާ ބުނާ ގޮތުގައި ޕީޕީއެމް ކެންޑިޑޭޓެއްގެ ގޮތުގައި ވާދަ ކޮށްގެން ގައްދޫގެ ކައުންސިލް ރައީސް ކަން މުހައްމަދު އަހްމަދު ކާމިޔާބު ކުރެއްވީ 737 ވޯޓާ އެކުއެވެ. އޭނާއާ ވާދަކުރެއްވި އެމްޑީޕީގެ ރިޝާންއަށް ލިބިވަޑައިގަތީ 652 ވޯޓެވެ. އެހެންކަމުން ގައްދޫ ކައުންސިލް ރައީސް ކަމަށް އޭނާ ހޮވުނީ ވަގުތީ ނަތީޖާ 85 ވޯޓުގެ ތަފާތަކުންނެވެ.
މުހައްމަދު އަހުމަދު ވަނީ މީގެ ކުރިންވެސް ގައްދޫ ކައުންސިލް ރައީސް ކަން ކޮށްފައެވެ.
މިއަދާ ހަމައަށް އައި އިރު މުހައްމަދު އަހުމަދުގެ މައްޗަށް ޖުމްލަ ތިން ދައުވާއެއް އޮތީ އުފުލާފައެވެ. އަދި އެ މައްސަލަތަކާ ގުޅިގެން އޭނާ ހުންނެވީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.
މުހައްމަދު އަހުމަދުގެ މައްޗަށް އުފުލާފައިވާ ދައުވާ އަކީ ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާއެވެ. އެއީ 2015 ވަނަ އަހަރު އެނާ އެ ރަށު ކައުންސިލް ރައީސް ކަމުގައި ހުންނެވި ދުވަސްވަރު ހިނގި ކަމެކެވެ. މި ދައުވާގެ މައްސަލަ އަދިވެސް އޮތީ ގައްދޫ މެޖިސްޓްރޭޓު ކޯޓުގައެވެ.
ހަމައެއާއެކު މިދިޔަ އަހަރު ފަހުކޮޅު ތެރޭ މުހައްމަދު އަހުމަދުގެ މައްޗަށް ވަނީ މީހަކު ޖިންސީ އަމަލެއް ހިންގަމުން ގެންދާ މަންޒަރެއް ނުވަތަ ފޮޓޯއެއް ނުވަތަ ފިލްމެއް ނުވަތަ ފިލްމެއްގެ މަންޒަރެއް ކުޑަކުއްޖަކަށް ދެއްކުން ނުވަތަ އެފަދަ އަމަލެއް ހިންގާ އަޑު ކުޑަކުއްޖަކަށް އިއްވުމުގެ ކުށުގެ ދައުވާ އަދި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ ވެސް އުފުލާފައެވެ. މި ދައުވާތަކުގެ ޝަރީއަތް އަދި ފަށާފައެއް ނުވެއެވެ.
މި ދައުވާތަކަކީ ޕީޕީއެމްގެ ފަރާތުން މުހައްމަދު އަހުމަދު ގައްދޫ ކައުންސިލް ރައީސް ކަމަށް ކުރިމަތިލި އިރު ވެސް އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކެކެވެ. މި ދައުވާތަކުގެ އެއްވެސް މައްސަލައެއް ޝަރީއަތަށް އަދި ސާބިތުނުވާތީވެ، އިލެކްޝަންސް ކޮމިޝަނުން މުހައްމަދު އަހުމަދުގެ ކެންޑިޑެސީއާ މެދު ވަކި ގޮތެއް ނިންމާފައެއް ނުވުމުން އޭނާއަށް ވަނީ އިންތިހާބުގައި ވާދަކުރަން ފުރުސަތު ލިބިފައެވެ.
ޕީޕީއެމްއިން ވަނީ އެ މައްސަލަތައް ބަލައި، ޕާޓީގެ ފަރާތުން މުހައްމަދު އަހުމަދަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް މީގެ ކުރިން ބުނެފައެވެ.
އޭނާގެ މައްޗަށް ޘާބިތުވިތަ؟ ޓިގޮތަށް ސުރުޚީ އަޅަން.