"އިންޓާގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫއުގެ ދަށުން ހައި ސްޕީޑް ފެރީ ނިޒާމުގެ ހިދުމަތަށް ބޭނުންވާ ސްޕީޑް ފެރީތައް ބަނުމަށް ގަލްފް ކްރާފްޓް މޯލްޑިވްސް އާއި ހަވާލުކޮށްފިއެވެ.
މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ. އަދި ގަލްފް ކްރާފްޓް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗެއާމަން މުހައްމަދު ހުސައިން އަލްޝާލީއެވެ.
އެ އެއްބަސްވުމުގެ ދަށުން، 17 ސްޕީޑް ފެރީއެއް ބަނުމުގެ މަސައްކަތް ގަލްފް ކްރާފްޓް މޯލްޑިވްސްއާއި އެމްޓީސީސީން ހަވާލުކުރިއެވެ.
ގަލްފް ކްރާފްޓް މޯލްޑިވްސް އަކީ މި ފަންނުގައި ރާއްޖޭގައި އެންމެ ތަޖުރިބާކާރު ކުންފުންޏެވެ. އަދި މި ފެރީތަކަކީ 50 މީހުންގެ ޖާގައިގެ އަދި 30 ނޮޓް ގެ ބާރުމިނެއްގައި ދުވާ ފެރީތަކެކެވެ.
އެމްޓީސީސީން މިހާރު ބޭނުންކުރާ ފެރީތަކަށްވުރެ އެ ފެރީތަކުގެ ސްޕީޑް 3 ގުނަ އަވަސް ވާނެ ކަމަށް އެމްޓީސިސީން ބުނެއެވެ. އެ ފެރީތައް ބަނުމުގައި އިސްކަންދޭނީ ދަތުރުވެރިންނަށް ހިތްފަސޭހަ ދަތުރެއްކުރެވޭނޭ ގޮތަކަށް ކަމަށާއި އެގޮތުން ފެރީގެ ސީޓާއި، ފަސެންޖަރުންގެ ކެބިން ފަރުމާކުރެވޭނީ އެފަދަ ދަތުރުތައްކުރުމަށް އެންމެ އެކަށޭނަ ގޮތަށް ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.
އަދި ނުކުޅުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ހާއްސަ އިންތިޒާމްތަކެއް އެ ފެރީތަކުގައި ގާއިމްކުރެވޭނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
"އިންޓާގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫޢުގެ ދަށުން، ޓާރމިނަލް އާއި ފެރީ ސްޓޮޕްތައް އެޅުމުގެ މަސައްކަތްވެސް މިހާރުވަނީ ފަށާފައެވެ. އެގޮތުން، ހޯރަފުށީގައި ފެރީ ޓާމިނަލް އެޅުމުގެ މަސައްކަތް ފަށާ، އެހެން ޓާމިނަލް ތަކާއި ފެރީ ސްޓޮޕް ތަކުގެ މަސައްކަތްތައް ފެށުމަށް މިހާރުދަނީ ތައްޔާރުވަމުންނެވެ.
އު މަޝްރޫޢުގެ ދަށުން، ބަންނަ ސްޕީޑް ފެރީގެ ހިދުމަތް މިއަހަރުގެ ނޮވެމްބަރުމަހު ފެށުމަށްޓަކައި، ބޭނުންވާ ފަންނީ މުއައްޒަފުން ހޯދުމަށް މިމަހުގެތެރޭ އިއުލާނު ކުރާނެ ކަމަށް ވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.