ޕީޕީއެމް އިން މާލޭ ސިޓީގެ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ވި ވައުދުތައް އަވަހަށް ފުއްދުމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ގޮވާލައްވައިފިއެވެ.

ބޮންޑޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލޭގެ މޭޔަރުކަމުގެ ގޮނޑިއާއި މާލޭ ސިޓީ ކައުންސިލްގެ ގިނަގޮނޑިތަކެއް މާލޭ ރައްޔިތުން ޕީޕީއެމްއާ ހަވާލުކުރީ މާލެއަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ގެނެސްދޭނެ ކަމުގެ ވައުދުތަކެއް ވެފައިވާތީ އެވައުދުތައް ފުއްދަން ކަމަށެވެ.

އެހެން ކަމުން ލަސްނުކޮށް އެކަންކަން ކޮށްދިނުމަށް ބޮންޑޭ ވަނީ ގޮވާލައްވާފައެވެ.

ބޮންޑޭ އެހެން ވިދާޅުވީ މާލޭގެ މޭޔަރުކަން އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ކުރައްވާފަ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާލޭ ސިޓީ ކައުންސިލްގެ 19 ގޮނޑީގެ ތެރެއިން މިހާތަނަށް 12 ގޮނޑި ޕީޕީއެމް އިން ނެގުމާ ގުޅިގެންނެވެ.

ވަގުތީ ނަތީޖާ ދައްކާ ގޮތުން، މާލޭ މޭޔަރު ކަމަށް ވާދަކުރިއްވި ޑރ. މުއިއްޒަށް ވަނީ 9305 ވޯޓް ވަނީ ލިބިފައެވެ. އެމްޑީޕީގެ ކެންޑިޑޭޓް އަނަސް އަބްދުއްސައްތާރަށް ލިބިފައި ވަނީ 5573 ވޯޓެވެ. އަމިއްލަ ގޮތުން ވާދަކުރާ އަލްހާން ފަހްމީ އަށް މިހާތަނަށް ލިބިފައި ވަނީ 259 ވޯޓެވެ.