އަންނަ މަހުން ފެށިގެން ސައުދީ އަރަބިއްޔާގައި ބައިނަލްއަގުވާމީ ފްލައިޓްތައް އޮޕަރޭޓް ކުރަން ފެށުމަށް ވަމުންދާ ތައްޔާރީތަކުގެ ދުވެލި އަވަސް ކުރުމަށް، ސައުދީ އަރަބިއްޔާގެ އެއާލައިންސް ކޯޕަރޭޝަންސްގެ ޑައިރެކްޓަރުންގެ ބޯޑުން ގޮވާލައިފިއެވެ.

ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ސައުދީއިން ބޯޑަރު ބަންދު ކޮށްފައި އޮތުމަށްފަހު، ބޯޑަރު އަލުން ހުޅުވާލަން ފުރަތަމަ ހަމަޖެއްސީ، މި އަހަރުގެ ޖެނުއަރީ 29 ވަނަ ދުވަހަށެވެ. ނަމަވެސް، އެއްގަމާ، ކަނޑާ، ވައިގެ މަގުން ސައުދީގެ ހުރިހާ ބޯޑަރެއް މުޅުން ހުޅުވާލުމަށް އެ ގައުމުން ކަނޑައެޅި ތާރީހަކީ މެއި 17، 2021 އެވެ.

ފާއިތުވީ މުއްދަތުގައި ސައުދީއިން ވަނީ ޑޮމެސްޓިކް ފްލައިޓްތައް އޮޕަރޭޓް ކޮށްފައެވެ. މި ފްލައިޓްތައްވެސް އޮޕަރޭޓް ކޮށްފައި ވަނީ، ކޮވިޑް-19އާ ގުޅިގެން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް، އޭގެ އެންމެ މަތީ ދަރަޖައަށް ތަންފީޒު ކުރާ ހާލުގައި ކަމަށް ހަބަރު ލިބެއެވެ.

ސައުދީއަކީ ކޮވިޑް ކޮންޓްރޯލް ކުރުމުގައި ކާމިޔާބީތަކެއް ހޯދާފައި ވާ ގައުމެކެވެ. ސައުދީއިން ވަނީ ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރުމުގެ ފުރުސަތުވެސް މުސްލިމުންނަށް ދީފައެވެ. އަދި އަޅުކަމާ ގުޅިގެން ކޮވިޑް ކަލަސްޓާއެއް އުފެދުނު ކަމަކަށް ރިޕޯޓް ލިބިފައެއްވެސް ނެތެވެ.

ސައުދީއިން ވަނީ ކުރިއަށް އޮތް ރޯދަމަހަށްވެސް ހާއްސަ ފިޔަވަޅުތަކެއް ކަނޑައަޅާފައެވެ. އެގޮތުން މިސްކިތްތަކުގައި ރޯދަވީއްލުމަށާ ހާރު ކެއުމަށް ބުފޭ ޖެހުން ފަދަ ކަންކަން ވަނީ މަނާ ކޮށްފައެވެ.