ދުރާލާ، އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކުގެ އިޒުނަ ހޯދުމަކާ ނުލާ، އެމެރިކާގެ ކަނޑުގެ އަސްކަރީ މަނަވަރެއް، އިންޑިއާއަށް ހާއްސަ އިގުތިސޯދީ ޒޯން ނުވަތަ އީއީޒީ ހުރަސް ކުރި މައްސަލާގައި، އިންޑިއާއިން އެމެރިކާއަށް ޝަކުވާ ހުށަހަޅައިފިއެވެ.

އިންޑިއާގެ އަސްކަރިއްޔާއިން މިދިޔަ ބުދަ ދުވަހު އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ، ނިޔެމިކަމުގެ މިނިވަންކަމަށް ބާރު ދިނުމުގެ ގޮތުން އެމެރިކާއިން ހިންގާ މަޝްރޫއުގެ ތެރެއިން، އިންޑިއާގެ އީއީޒީ ތެރެއަށް، އެމެރިކާގެ ކަނޑުގެ އަސްކަރީ ފްލީޓްގައި ހިމެނޭ ޔޫއެސްއެސް ޖޯން ޕޯލް ޖޯންސް މަނަވަރު، ވަދެ، އިންޑިއާގެ ހުއްދަ ހޯދުމަކާ ނުލާ، އެ ސަރަހައްދު ހުރަސްކޮށްފައި ވާ ކަމަށެވެ.

އަސްކަރީ ރޮނގުން ބަދަހި ގުޅުންތަކެއް ދަމަހައްޓަމުން އަންނަ ދެ ގައުމުގެ ގޮތުގައި އިންޑިއާއާއި އެމެރިކާ އޮތް ނަމަވެސް، އިންޑިއާގެ ފޮރިން މިނިސްޓްރީއިން ބުނީ އެމެރިކާއަށް ޝަކުވާ ހުށަހަޅަނީ، އިޒުނަ ހޯދުމަކާ ނުލާ އިންޑިއާގެ އީއީޒީގެ ތެރެއަށް މަނަވަރު ވަދެފައި ވާތީ ކަމަށެވެ.

އެމެރިކާއިން ބުނާ ގޮތުގައި، އެގައުމުން އިންޑިއާގެ އީއީޒީ ހުރަސް ކޮށްފައި ވަނީ ބައިނަލްއަގުވާމީ ގާނޫނީ އިމުގެ ތެރެއިންނެވެ. ނަމަވެސް އިންޑިއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވީ، އދގެ ގަވައިދުތަކުންވެސް، އިޒުނަޔާ ނުލާ އެ ފުރުސަތު ދޭން ނޯންނަކަމަށެވެ. ތަރުޖަމާނު ވިދާޅުވީ، ގައުމަކަށް ހާއްސަ އިގުތިސޯދީ ޒޯން ތެރޭގައި، އިޒުނަ ނެތި، އެހެން ގައުމަކުން، ވަކިން ހާއްސަކޮށް އަސްކަރީ ހަރަކާތް ނުހިނގޭނެ ކަމަށެވެ.

އިންޑިއާގެ ފޮރިން މިނިސްޓްރީއިން ބުނީ، އެމެރިކާގެ ކަނޑުގެ އަސްކަރީ މަނަވަރު، ފާރިސީ ގަލްފުން އިންޑިއާގެ އީއީޒީ ހުރަސްކުރި މަންޒަރު، އިންޑިއާގެ އަސްކަރިއްޔާއިން ވިލަރެސް ކުރަމުން ދިޔަ ކަމަށެވެ.

އެމެރިކާގެ ކަނޑުގެ އަސްކަރިއްޔާއިން ވަނީ، މިފަދަ ގޮތަކަށް، މިމަހުގެ 7 ވަނަ ދުވަހު ރާއްޖެ ސަރަހައްދުންވެސް ދަތުރިކަން ހާމަކޮށް ބަޔާނެއް އާންމު ކޮށްފައެވެ.