ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީ އަދި ކުޅުދުއްފުށި ސީޓީގެ މޭޔަރުކަން އެމްޑީޕީ ކެންޑިޑޭޓުން ކާމިޔާބު ކޮށްފިއެވެ.

ވަގުތީ ނަތިއްޖާއަށް ބަލާއިރު އައްޑޫ ސީޓީ މޭޔަރުކަން ކާމިޔާބު ކުރައްވާފައި ވަނީ އައްޑޫ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޒާރެވެ. އެގޮތުން މިހާތަނަށް ލިބިފައިވާ ނަތީޖާއަށް ބަލާއިރު ނިޒާރަށް ވަނީ 1،443 ވޯޓު ލިބިފައެވެ.

އެމްޑީޕީގެ ޓިކެޓްގައި އިންތިހާބަށް ނިކުންނެވި އަލީ ނިޒާރާ ވާދަކުރީ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓު މުހައްމަދު ލަތީފެވެ. ލަތީފަށް މިހާތަނަށް ލިބިފައި ވަނީ، 1،018 ވޯޓެވެ.

ކުޅުދުއްފުށި ސީޓީގެ މޭޔަރުކަން ކާމިޔާބު ކުރައްވާފައި ވަނީ އެމްޑީޕީ ކެންޑިޑޭޓު މުހައްމަދު އާތިފްއެވެ. މިހާތަނަށް މުހައްމަދު އާތިފް އަށް ވަނީ 1،300 ވޯޓު ލިބިފައެވެ. އަދި އާތިފް އާ ވާދާކުރި އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓު އަބްދުﷲ އިގްބާލަށް ލިބިފައި ވަނީ 850 ވޯޓެވެ.

ފުވައްމުލަކު މޭޔަރު ކަން ކާމިޔާބު ކުރައްވާފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓު އިސްމާއިލް ރަފީގެވެ.

އެ ތިން ސިޓީން އެމްޑީޕީ ކެންޑީޑޭޓުން ކާމިޔާބު ކުރެއްވި ނަމަވެސް މާލެ ސިޓީގެ މޭޔަރު ކަން ކާމިޔާބު ކުރެއްވީ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުއެވެ.

ވަގުތީ ނަތީޖާ ދައްކާ ގޮތުން، މިހާތަނަށް ޑރ. މުއިއްޒަށް ވަނީ 9305 ވޯޓް ވަނީ ލިބިފައެވެ. އެމްޑީޕީގެ ކެންޑިޑޭޓް އަނަސް އަބްދުއްސައްތާރަށް ލިބިފައި ވަނީ 5573 ވޯޓެވެ. އަމިއްލަ ގޮތުން ވާދަކުރާ އަލްހާން ފަހްމީ އަށް މިހާތަނަށް ލިބިފައި ވަނީ 259 ވޯޓެވެ.