ތެޔޮ ބޯޓުގައި އަލިފާން ރޯވި ހާދިސާގައި ތެޔޮ ލީކުވޭތޯ ގާތުން ބަލަމުންދާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވެއްޖެއެވެ.

މަބްރޫކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްއެންޑީއެފުންނާއި އެންވާރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން، މިއަދު ހިނގި ހާދިސާ އާ ގުޅިގެން ބޯޓުން ތެޔޮ ލީކު ވޭތޯ ބެލުމަށް ވަރަށް ކައިރިން ހަރަކާތްތެރިވަމުން ދާ ކަމަށެވެ.

އެގޮތުން މިހާތަނަށް ބެލިބެލުމުން ތެޔޮ ލީކުވެފައި ނުވާ ކަމަށް މަބްރޫކު ވަނީ ވިދާޅުވެފައެވެ.

މަބްރޫކު އިތުރަށް ވިދާޅުވީ ގުޅުން ހުރި މީހުންނާ އެކަމާ މަޝްވަރާ ކުރަމުންދާ ކަމަށެވެ.

އެ ހާދިސާގެ ރިޕޯޓު ލިބިފައި ވަނީ މިއަދު 5:50 ހާއިރު ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

އެމްއެންޑީއެފުން ބުނީ އެ ހާދިސާ ހިނގިއިރު އެ ބޯޓުގައި ތިބީ 4 މީހުން ކަމަށެވެ. އެއީ 3 ދިވެހިންނާއި ބިދޭސިއެކެވެ. އެ 4 މީހުންވެސް ރައްކާތެރި ކަމާއެކު މާލެ ގެނެސްފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެމްއެންޑީއެފުން ބުނި 6:27 ގައި އެ ބޯޓު އަޑިއަށް ގޮސްފައިވާ ކަމަށެވެ. އެ ބޯޓުގައި ހުރީ 60،000 ލީޓަރުގެ ޑީސެލްއެވެ.

ބޯޓުގައި ރޯވީ ތެޔޮ ބަރުކޮށްގެން މާލެއިން ލ. އަތޮޅަށް ދަތުރު ކުރަމުން ދަނިކޮށެވެ.