ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރެއްވި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވައިފިއެވެ.
ވަގުތީ ނަތީޖާ ދައްކާ ގޮތުން، މިހާތަނަށް ޑރ. މުއިއްޒަށް ވަނީ 9305 ވޯޓް ވަނީ ލިބިފައެވެ. އެމްޑީޕީގެ ކެންޑިޑޭޓް އަނަސް އަބްދުއްސައްތާރަށް ލިބިފައި ވަނީ 5573 ވޯޓެވެ. އަމިއްލަ ގޮތުން ވާދަކުރާ އަލްހާން ފަހްމީ އަށް މިހާތަނަށް ލިބިފައި ވަނީ 259 ވޯޓެވެ.
މާލޭގެ މޭޔަރު ގޮނޑި ޕީޕީއެމްގެ ކެންޑިޑޭޓް ކާމިޔާބު ކުރައްވާފައިވާ އިރު، މާލެ ސިޓީގެ 3 ގޮނޑިއެއް މިހާރުވެސް ޕީޕީއެމް އިން ވަނީ ކަށަވަރު ކޮށްފައެވެ.
ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ކަމުގެ އިތުރުން ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި ވެސް ހައުސިން މިނިސްޓަރު ކަމުގެ މަގާމު އަދާ ކުރެއްވި މުއިއްޒަކީ ރާއްޖެއަށް އެތައް ތަރައްގީއެއް ގެނެސް ދިނުމުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ވަޒީރު ކަމުގައި ހުންނެވި އިރު ޑރ މުއިއްޒު ވަނީ އޭޝިއާ އިންފްރާސްޓްރަކްޗާ ޑިވެލޮޕްމެންޓު ބެންކަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ގަވަރުނަރުގެ މަގާމު ވެސް އަދާކުރައްވާފައެވެ.
މުއިއްޒުގެ ކެމްޕޭނުގައި ރައްޔިތުންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް ދިމާވާ ދަތިތަކާއި އެމީހުންގެ ޝުއޫރުތައް އަޑު އައްސަވާފައި ވާއިރު، މުއިއްޒު ވިދާޅުވެފައި ވަނީ، ރައްޔިތުންގެ ކުރިއެރުމަށް ހުރަސް ނާޅުއްވާނެ ކަމަށާއި ރައްޔިތުންގެ ދަތިތައް ހައްލު ކޮށްދިނުމަށް، ޓަކި ނުޖައްސަވާ ދޮރެއް ނުބަހައްޓަވާނެ ކަމަށެވެ. އަދި ކޮންމެ ޕާޓީއަކަށް ނިސްބަތް ވިޔަސް ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު މައްސަލަތައް ހައްލުކޮށް ދިނުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވެފައި ވެއެވެ.
"ދަ ޕްރެސް" ގެ ފަރާތުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް މަރުހަބާ ކިޔަމެވެ.
މަރުހަބާ