ލޯކަލް ކައުންސިލް އިންތިހާބުގެ ހުޅުމާލޭ ދާއިރާ ގޮނޑި ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހީމް ޝުޖާއު ކާމިޔާބު ކުރައްވައިފިއެވެ.

މި އިންތިހާބުގައި ޝުޖާއުއާ ވާދަ ކުރީ އެމްޑީޕީގެ ކެންޑިޑޭޓް ރިޒްނާ ޒަރީރެވެ.

ނަތީޖާތަކަށް ބަލާއިރު ޝުޖާއު ވަނީ 66.8 ޕަސަންޓު ވޯޓު ކާމިޔާބު ކުރައްވާފައެވެ. އަދި ރިޒްނާ އަށް ލިބުނީ 28.6 ޕަސަންޓް ވޯޓެވެ. ބާކީ ހުރިހާ ވޯޓެއް ރިޒްނާއަށް ލިބުނު ނަމަވެސް ޝުޖާގެ މައްޗަށް ރިޒްނާއަށް ކާމިޔާބު ނުހޯދޭ ވަރުގެ ފަރަގު ބޮޑެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލުން ބަންދުކޮށް، ގިނަ ވޯޓު ފޮށިތައް މިހާރު ވަނީ ގުނަން ފަށާފައެވެ.

މި އިންތިހާބުގައި ލޯކަލް ކައުންސިލް ތަކަށް 2234 ކެންޑިޑޭޓުން ކުރިމަތި ލާފައި ވާއިރު، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް 1580 ކެންޑިޑޭޓުން ވަނީ ކުރިމަތިލާފައެވެ.

އިންތިހާބުގެ ވޯޓުލުން ކުރިއަށް ދާއިރު، އިންތިހާބަކާ ނުލާ ބައެއް މެންބަރުން ވަނީ ހޮވިފައެވެ. އެއީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ 31 ދާއިރާއަކަށް 90 މެންބަރަކާއި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ 22 މަގާމަކަށް 30 މެންބަރެކެވެ.