މިހާރު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިހާބުގެ މާލޭ ސިޓީގެ މޭޔަރު ކަން ކާމިޔާބު ކުރާނީ އެމްޑީޕީ ކަމަށާއި 60 ޕަސެންޓް އެމްޑީޕީން ނަގާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، މިއަދު ލޯކަލް ކައުންސިލް އިންތިހާބަށް ވޯޓު ދެއްވެމަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، އެމްޑީޕީއަށް މަޖިލިސް އިންތިހާބުން ލިބުނު ކާމީޔާބީއަށް ވުރެ ބޮޑު ކާމީޔާބީއެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ހެނދުނުގެ މި ވަގުތު ވޯޓު ލާން ދާ މީހުން މަދު ވި ނަމަވެސް މެންދުރު ފަހުން ވޯޓު ލާން މީހުން ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"ރާއްޖޭގެ އަތޮޅުތަކާއި މުޅި ރާއްޖޭގެ ހިންގުމަށް މި ވޯޓުގެ ނަތީޖާއާ އެކު ބޮޑު ބަދަލެއް އަންނާނެ. އެކަމަކު މިއީ ދަތި އުނދަގޫ ވަގުތެއްގައި ބާއްވާ އިންތިހާބެއް. އެކަމަކު އެދެނީ ވީހާވެސް ގިނަ ބަޔަކު ނުކުމެ ވޯޓު ދެއްވުމަށް."
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ރައީސް ވޯޓު ލައްވާފައި ވަނީ ޖަމާލުއްދީން ސުކޫލް ހުންނަ ފޮއްޓަށެވެ.

މި އިންތިހާބުގައި ލޯކަލް ކައުންސިލްތަކަށް 2234 ކެންޑިޑޭޓުން ކުރިމަތި ލާފައިވާއިރު، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް 1580 ކެންޑިޑޭޓުން ވަނީ ކުރިމަތިލާފައެވެ.

އިންތިހާބުގެ ވޯޓުލުން ކުރިއާށް ދާއިރު، އިންތިހާބަކާ ނުލާ ބައެއް މެންބަރުން ވަނީ ހޮވިފައެވެ.

މި އިންތިހާބުގައި އެމްޑީޕީން، 826 ކެންޑިޑޭޓުން ޕީޕީއެމްއިން 647 ކެންޑިޑޭޓުން، ޖުމްހޫރީ ޕާޓީން 115 ކެންޑިޑޭޓުން، އަދާލަތު ޕާޓީން 28 ކެންޑިޑޭޓުން، އެމްޑީއޭ އިން 20 ކެންޑިޑޭޓުން، އެމްއާރްއެމް 15 ކެންޑިޑޭޓުން، އެމްއެލްއެސްޑީޕީ 4 ކެންޑިޑޭޓުން އަދި ޑީއާރުޕީ 1 ކެންޑިޑޭޓް ވާދަކުރާނެއެވެ. އަމިއްލަ ގޮތުން 609 ކެންޑިޑޭޓަކު ބައިވެރިވިއެވެ.

މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަ ކުރައްވަނީ ޕީޕީއެމްގެ ފަރާތުން ކުރީ ސަރުކާރުގެ ހައުސިން މިނިސްޓަރު މަގާމު ފުރުއްވި ޑރ. މުހައްމަދު މުއިއްޒު އާއި އެމްޑީޕީގެ ފަރާތުން އެ ޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނަރަލް އަނަސް އަބްދުއްސައްތާރު އަދި އަމިއްލަ ގޮތުން ކުރީގެ ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހްމީ އެވެ.