ތ. ވިލުފުށީގެ އިންތިހާބީ އޮފިޝަލުން ކަރަންޓީނަށް ދާން ޖެހުމުން ވޯޓުލުން ލަސް ކޮށްފިއެވެ.
އިލެކްޝަން ކޮމިޝަނުގެ ރައީސް، އަހްމަދު ޝަރީފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ވިލުފުށީގައި ބަހައްޓާ ދެ ފޮށީގެ ގިނަ އޮފިޝަލުން ކަރަންޓީނުވާން ޖެހިފައި ވާ ކަމަށެވެ. އަދި އެރަށުން އިތުރު އޮފިޝަލުން ލިބޭ ގޮތް ނުވާތީ، މާލެއިން އެރަށަށް އޮފިޝަލުން ފޮނުވަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝަރީފު ވިދާޅުވީ، ކަން މިހެން ވުމުން ވިލިފުށީފައި ވޯޓުލުން ފެށޭނީ އޮފިޝަލުންނަށް އެރަށަށް ދެވުމުން ކަމަށެވެ.
ކޮވިޑް-19 ކޭސްތަކެއް ފެނި، ތ. ވިލުފުށި މިވަގުތު އޮތީ ކަރަންޓީނުގައި ކަން ފާހަގަ ކޮށްލެއެވެ. އެގޮތުން އެރަށުން ވަނީ 6 މީހަކު ޕޮޒިޓިވް ވެފައެވެ. އެ ރަށުން ޕޮޒިޓިވް ވީ ހުސް ދިވެހިން ކަމަށް ވާއިރު، އެ ރަށުން އެންމެ ފުރަތަމަ ޕޮޒިޓިވް ވީ އެރަށު ފްލޫ ކްލިނިކަށް ދިޔަ މީހެކެވެ. އަދި އެމީހާއާ ކޮންޓެކްޓް ވި އިތުރު 5 މީހަކު އެރަށުން ޕޮޒިޓިވް ވެފައި ވެއެވެ.
މާދަމާ ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓު ލުން ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ މާދަމާ ހެނދުނު 7:00 އިން ފެށިގެން ހަވީރު 5:00ގެ ނިޔަލަށެވެ. އަދި ހަވީރު 5:00 އިން ފެށިގެން 6:00 އަކީ ކަރަންޓީނުގައްޔާއި އައިސޮލޭޝަނުގައި ތިބި މީހުން ވޯޓު ލުމަށް ހާއްސަ ކޮށްފައި ވާ ގަޑިއެވެ.
ވޯޓުލާ ގަޑި މިހެން ކަނޑައަޅާފައި ވީ ނަމަވެސް ދެ ރަށެއްގައި ވޯޓުލުން ފަށާ ގަޑި ވަނީ ލަސް ކޮށްފައެވެ. އެއީ މ. ރަތްމަންދޫ އަދި ވ. ތިނަދޫއެވެ. އެ ދެ ރަށުގައި ވޯޓުލާ ގަދި ލަސް ކުރީ، އެ ދެ ރަށުގެ ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުން އެހެން ރަށްރަށުން ހަމަހައްސާފައި ވާތީއެވެ. މ. ރަތްމަންދޫ އަދި ވ. ތިނަދޫގައި އާންމުކޮށް ހުޅުވާލައިގެން ވޯޓު ލުން ކުރިއަށް ދާނީ ހެނދުނު 8:30 އިން ފެށިގެން ހަވީރު 5:00ގެ ނިޔަލަށެވެ.