މާދަމާ ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓު ލުން ކުރިއަށް ދާނެ ގަޑިތައް އިލެކްޝަން ކޮމިޝަނުން އިއުލާން ކޮށްފިއެވެ.
އީސީން ބުނީ، މި އިންތިހާބުގައި ވޯޓުލުން ކުރިއަށް ދާނީ ހެނދުނު 7:00 އިން ފެށިގެން ހަވީރު 5:00ގެ ނިޔަލަށް ކަމަށެވެ. އަދި ހަވީރު 5:00 އިން ފެށިގެން 6:00 އަކީ ކަރަންޓީނުގައްޔާއި އައިސޮލޭޝަނުގައި ތިބި މީހުން ވޯޓު ލުމަށް ހާއްސަ ކޮށްފައި ވާ ގަޑިއެވެ.
ވޯޓުލާ ގަދި މިހެން ކަނޑައަޅާފައި ވީ ނަމަވެސް ދެ ރަށެއްގައި ވޯޓުލުން ފަށާ ގަޑި ވަނީ ލަސް ކޮށްފައެވެ. އެއީ މ. ރަތްމަންދޫ އަދި ވ. ތިނަދޫއެވެ. އެ ދެ ރަށުގައި ވޯޓުލާ ގަދި ލަސް ކުރީ، އެ ދެ ރަށުގެ ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުން އެހެން ރަށްރަށުން ހަމަހައްސާފައި ވާތީއެވެ.
މ. ރަތްމަންދޫ އަދި ވ. ތިނަދޫގައި އާންމުކޮށް ހުޅުވާލައިގެން ވޯޓު ލުން ކުރިއަށް ދާނީ ހެނދުނު 8:30 އިން ފެށިގެން ހަވީރު 5:00ގެ ނިޔަލަށެވެ.
އައިސޮލޭޝަނުގައި އަދި ކަރަންޓީނުގައި ތިބި މީހުންނަށް މި އިންތިހާބުގައި ވޯޓު ލާން ދެވޭއިރު، އެ މީހުން ވޯޓުލާން ދިއުމުގައި އަމަލު ކުރަންވީ އުސޫލެއް އޮވެއެވެ. ކަރަންޓީނުގައި ތިބި މީހުން ވޯޓުލާންދާއިރު ސަމާލުކަން ދޭންވީ ކަންތައްތައް:
- އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައިފައިވާ ގޮތެއްގެ މަތިން ވޯޓުލާ މަރުކަޒުތަކަށް ދިޔުން.
- ހުރިހާ ވަގުތެއްގައި މާސްކު އަޅައިގެން ތިބުމާއި، ތިން ފޫޓުގެ ގައިދުރުމިން ބެހެއްޓުން.
- ސެނިޓައިޒާ ބޭނުންކޮށްގެން އަތް ސާފުކުރުން.
- ޕަބްލިކް ޓްރާންސްޕޯޓް (ބަސް، ފެރީ، ޓެކްސީ ފަދަ ތަކެތި) ބޭނުން ނުކުރުން.
- ވޯޓު ލާން ދިޔުމާއި އެނބުރި ގެޔަށް އައުމާ ދެމެދު މީހުންނާ ބައްދަލު ނުކުރުން.
- ވޯޓުލުމަށްފަހު، ކަރަންޓީނު ގައި ނުވަތަ އެކަހެރިކުރެވިފައި ހުރި ތަނަށް ވަގުތުން އެނބުރި ދިޔުން މިއެވެ.
މީގެ އިތުރުން އެޗްޕީއޭއިން ވަނީ ކަރަންޓީނު ވުމަކާ ނުލާ ވޯޓުލާން ރަށްރަށަށް ދިއުމުގެ ހުއްދަ ވެސް ދީފައެވެ.