އޭޝިއާ ސަރަހައްދުގެ އާބާދީގެ ކެއިންބުއިމުގެ އާދަކާދައަށް ގެންނަމުންދާ އާދަޔާ ހިލާފު ބަދަލުތަކަށް ރިއާޔަތް ކޮށްގެން، ނެސްލޭ ކުންފުނިން، އެކުންފުނީގެ މަޝްހޫރު ބައެއް އުފެއްދުންތައް، ކިރުނާޅާ ތައްޔާރުކޮށް، ލޯންޗް ކޮށްފިއެވެ.

ގެރިން ނަގާ ކިރުގެ ބަދަލުގައި، ގަސްގަހާގެހީގެ މާއްދާތައް ބޭނުން ކޮށްގެން އުފައްދާ "ކިރު" ބޭނުން ކޮށްގެން ތައްޔާރުކޮށްފައިވާ މައިލޯގެ ބުއިންތައް އެންމެ ފުރަތަމަ ތައާރާފު ކުރާނީ މެލޭޝިއާއަށް ކަމަށާ، މި މަސް ތެރޭ މެލޭޝިއާގެ ވިޔަފާރި ހަރުގަނޑުތަކުން މި އުފެއްދުންތައް ފެންނާނެ ކަމަށް ހަބަރު ލިބެއެވެ.

ޑެއިރީ ފްރީ އުފެއްދުންތަކެއްގެ ގޮތުގައި ކިރުނާޅާ މައިލޯއާއި ބައެއް ކަހަލަ ލާޓޭތައް ލޯންޗު ކޮށްފައި ވާއިރު، މި އުފެއްދުމުގައި ކިރުގެ ގޮތުގައި ބޭނުން ކޮށްފައި ވަނީ އާމަންޑް ކިރާއި ސޯއީއިން ނަގާ ކިރެވެ. ނަމަވެސް، މައިލޯގެ އޮރިޖިނަލް އުފެއްދުމުގައި ބޭނުން ކުރާ މޯލްޓާއި ކޮކޯއަށް ބަދަލެއް ނުގެންނަ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ނެސްލޭއިން ވަނީ، މިއީ ތިމާވެއްޓާ ރައްޓެހި ގޮތެއް ކަންވެސް ފާހަގަކޮށްފައެވެ.