ރ. އިނގުރައިދޫގައި ގޭސް ފުޅިއެއް ގޮވާ އަންހެނަކު ފިހިއްޖެއެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އިނގުރައިދޫ ކައުންސިލްގެ ރައީސް އިސްމާއިލް އަބްދުއްރަޝީދު ވިދާޅުވީ އެހާދިސާ ހިނގާފައިވަނީ މިއަދު 02:00 ހާއިރު ކަމަށެވެ.
އެހާދިސާގައި ފިހިފައިވަނީ ދޮށީ އުމުރުގެ މީހެއް ކަމަށާއި އެމީހާގެ 50 ޕަސަންޓް ފިހިފައިވާ ކަމަށް ލަފާކުރެވޭ ކަމަށް އިސްމާއިލް ވިދާޅުވިއެވެ. އެގޮތުން އެމީހާގެ ކަކުލާ ހިސާބުން ވަރަށް ބޮޑަށް ފިހިފައިވާ ކަމަށާއި އަތުގެ ބައެއް ތަންތަން އަދި މޫނުގެ ބައެއް ވެސް ފިހިފައިވާ ކަމަށް އިސްމާއިލް ވިދާޅުވިއެވެ.
އިސްމާއިލް ވިދާޅުވީ އެމީހާއަށް ފަރުވާ ދެމުންދަނީ އުނގޫފާރު ހޮސްޕިޓަލުގައި އައިސީޔޫގައި ކަމަށާއި އަދި އެމީހާ މިހާރު މާލެ ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެހާދިސާގައި އެގޭގައި ހުރި އިތުރު އަންހެނަކަށް ނަފްސާނީ ގޮތުން އަސަރުކޮށްފައިވާ ކަމަށް އިސްމާއިލް ވިދާޅުވިއެވެ. ނަމަވެސް އޭނާ އަށް އެއްވެސް ކަހަލަ އަނިޔާއެއް ލިބިފައި ނުވާ ކަމަށްވެސް ވިދާޅުވިއެވެ. އޭނާ މިވަގުތު ހޮސްޕިޓަލުގައި އޮތް ނަމަވެސް މިރޭގެ ވަގުތެއްގައި ދޫކޮށްލާނެ ކަމަށް އިސްމާއިލް ވިދާޅުވިއެވެ.
އިސްމާއިލް އެހެން ވިދާޅުވި ނަމަވެސް އެމްއެންޑީއެފުން ވަނީ އެ ހާދިސާގައި 2 މީހަކަށް އެކިވަރުގެ އަނިޔާ ލިބި އުނގޫފާރު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ބުނެފައެވެ.