ދ. ކުޑަހުވަދޫ އާއި ދ. މީދޫގެ މޮނިޓަރިން ހާލަތު އުވާލައިފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ބުނީ ކުޑަހުވަދޫ އާއި މީދޫގެ މޮނިޓަރިން ހާލަތު އުވާލާފައި ވަނީ އެރަށްރަށުން ނެގި ރެންޑަމް ސާމްޕަލްތަކުގެ ނަތީޖާތައް ނެގަޓިވް ވުމާ ގުޅިގެން ކަމަށެވެ.

އޭގެ އިތުރުން ނަތީޖާތައް ނެގެޓިވްވި ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި އެ ދެ ރަށުގައި ވެސް ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރާނެ ކަމަށް އެޗްއީއޯސީން ވަނީ ބުނެފައެވެ.

ކުޑަހުވަދޫ މޮނީޓަރިން ހާލަތަށް ލާފައިވަނީ އެއާޕޯޓް މުވައްޒަފުންތަކެއް ޕޮޒިޓިވްވެ، މިދިޔަ މަހުގެ 17 ވަނަ ދުވަހުގައެވެ. ކުޑަހުވަދޫއިން މިހާތަނަށް 23 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

މީދޫއިން މިހާތަނަށް ދެ މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އެއީ ކަރަންޓީނުގައި ހުރި މީހަކާއި ކުޑަހުވަދޫ ކުލަސްޓާއާއި ގުޅުން ހުރި މީހެކެވެ.

މިވަގުތު ނުވަ ރަށެއް މޮނީޓަރިން ހާލަތުގައި އެބަ އޮތެވެ. އެއީ ކ. ހުރާ، ކ. ދިއްފުށި، ޅ. ނައިފަރު، ޅ.ހިންނަވަރު، ޅ. އޮޅުވެލިފުށި، ޅ. ކުރެންދޫ، އދ. މާމިގިލި، އދ. މަހިބަދޫ އަދި ތ. ވިލިފުއްޓެވެ.

އަތޮޅުތެރޭގެ ރަށްރަށުގައި ޖުމްލަ 972 އެކްޓިވް ކޭސް އުޅޭއިރު މީގެ ތެރެއިން ކޮވިޑް ފެސިލިޓީތަކުގައި ފަރުވާ ދެމުން ދަނީ 6 މީހަކަށެވެ. އެއީ ށ އަތޮޅު ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުންދާ 2 މީހެއްގެ އިތުރުން ބ އަތޮޅު ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދާ 4 މީހެކެވެ.