ކުރިއަށް އޮތް ބަރަކާތްތެރިވާ ރޯދަ މަހު، މާތްވެގެންވާ މަސްޖިދުލް ޙަރަމްއަށް ޒިޔާރަތް ކުރެވޭނެ މީހުންގެ އަދަދު އިތުރު ކުރާނެ ކަން ސައުދީ އަރަބިއްޔާއިން ހާމަކޮށްފިއެވެ.

މުގައްދަސް 2 މިސްކިތުގެ އިދާރީ ބެލެހެއްޓުންތެރި އިދާރާއިން މައުލޫމާތު ދޭ ގޮތުގައި، ރޯދަ މަހު މަސްޖިދުލް ޙަރަމަށް ޒިޔާރަތް ކުރެވޭނެ ޢުމްރާވެރިންގެ ކެޕޭސިޓީއަކީ 50000 އެވެ. އަދި އަޅުކަމަށް ޒިޔާރަތް ކުރެވޭނެ މީހުންގެ ކެޕޭސިޓީއަކީ 100000އެވެ. މުގައްދަސް މިސްކިތަށް ޒިޔާރަތް ކުރެވޭނީ ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ވެކްސިން ޖަހާފައި ވާ ފަރާތްތަކަށް އެކަނި ކަމަށްވެސް ސައުދީން ވަނީ ނިންމާފައެވެ.

ރޯދަމަހުވެސް މަސްޖިދުލް ޙަރަމަށް ޒިޔާރަތް ކުރެވޭނީ، ސިއްހީ ގޮތުން އަޅާފައިވާ ރައްކާތެރި ކަމުގެ ފިޔަވަޅުތަކާ އެއް ގޮތްވާ ގޮތުގެ މަތީޏް ކަމަށް ސައުދީން ބުނެއެވެ.

ސައުދީން ދުވާލެއްގެ މައްޗަށް ކޮވިޑް ކޭސްތައް ރިޕޯޓް ކުރާ މިންވަރު 700 އަށް ވުރެ ދަށުގައި އުޅޭތާ މަސްތަކެއް ވެފައި ވަނިކޮށް، މި ރެކޯޑަށް މިހާރު ވަނީ ބަދަލު އައިސްފައެވެ. އެގޮތުން އަންގާރަ ދުވަހު، 793 ޕޮޒިޓިވް ކޭސް ރެކޯޑް ކޮށްފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ދެވަނަ ރޯދަމަހަކާ ކުރިމަތިލާއިރު، މިސްކިތްތަކުގައި ރޯދަ ވީއްލުވުމާ ހާރު ކެއުމުގެ ސުފުރާތައް ނުހަދާނެ ކަން ސައުދީން ވަނީ ހާމަކޮށްފައެވެ. އަދި މިސްކިތްތަކުގައި އިއުތިކާފަށް ތިބުމުގެ ފުރުސަތު ނޯންނާނެ ކަންވެސް ސައުދީން ވަނީ ހާމަކޮށްފައެވެ.