ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް އޮކްސްފޯޑް ޔުނިވާސިޓީއާ އަސްޓްރާޒެނީކާ ކުންފުނި ގުޅިގެން ތަރައްގީ ކުރި ވެކްސިން، ކުޑަކުދިންނާ ފުރާވަރު އުމުރުގެ ކުދިންގެ ހަށިގަނޑުގައި ޓެސްޓު ކުރުމަށް ކުރިއަށް ގެންދިޔަ ތަހުލީލުތައް މަޑުޖައްސާލައިފިއެވެ.

އޮކްސްފޯޑް ޔުނިވާސިޓީއިން ބުނީ، ތަހުލީލުތައް މަޑުޖައްސާލާފައި ވަނީ ސަލާމަތީ ކަންބޮޑުވުމެއްގެ ސަބަބުން ނޫން ކަމަށެވެ. ނަމަވެސް، ވެކްސިންގެ ސަބަބުން ލޭ ކޮޅެއް ގަނޑުވުމުގެ މައްސަލަ ކުރިމަތިވާ ކަމުގެ ވާހަކަތަކެއް ދެކެވެމުން ދާއިރު، އެކަމާ ގުޅޭ އިތުރު މައުލޫމާތާ ތަފާސް ހިސާބުތައް ލިބެން ދެން ކަމަށެވެ.

އޮކްސްފޯޑް ޔުނިވާސިޓީއަށް މި ތަފާސް ހިސާބުތައް ފޯރުކޮށްދެނީ، އިނގިރޭސިވިލާތުގެ މެޑިސިންސް އެންޑް ހެލްތުކެއާ ޕްރޮޑަކްޓްސް ރެގިއުލޭޓަރީ އޭޖެންސީ (އެމްއެޗްއާރްއޭ) އިންނެވެ. އެމްއެޗްއާރްއޭއަކީ ކޮވިޑް ވެކްސިންގެ ސަބަބުން ލޭ ގަނޑުވާ މައްސަލަ ކުރިމަތިވޭ ތޯ ބެލުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ވަގުތުން ވަގުތަށް ތަފާސް ހިސާބުތައް އެއްކުރަމުން އަންނަ އެއް ފަރާތެވެ.

ބްރިޓަންގައި އަސްޓްރާޒެނީކާގެ 18 މިލިއަން ޑޯޒްގެ ވެކްސިން ޖަހާފައި ވާއިރު، ލޭ ގަނޑުވުމުގެ 30 ކޭހެއް، ހަފުތާ ބަންދުގައި ރިޕޯޓް ކުރި ކަމަށާ، މީގެ ތެރެއިން 7 ކޭހެއް މި ދުނިޔެ ދޫކޮށްފައި ވާ ކަމަށް އެމްއެޗްއާރްއޭއިން ވަނީ ރިޕޯޓް ކޮށްފައެވެ. ވިލާތުގެ ރެގިއުލޭޓަރު (އީއެމްއޭ) އިން ބުނީ، އަދި ވަކި ގޮތެއް ނުނިމޭ ކަމަށާ، މުރާޖާ ކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް ދާ ކަމަށެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އަންގާރަ ދުވަހު ބުނީ، އަސްޓްރާޒެނީކާގެ ކޮވިޑް ވެކްސިން ފައިދާ މުރާޖާ ކުރުމުގެ އުސޫލަށް ބަދަލު ގެންނަން ނުޖެހޭ ކަމަށެވެ.