ދުނިޔޭގެ އެންމެ ނުފޫޒުގަދަ ގައުމަށް ވާދަ ކުރަމުން އަންނަ ޗައިނާއާއި، ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އިއްތިހާދުތަކުގެ ތެރޭގައި ގުނާލެވޭ ވިލާތުގެ އިއްތިހާދު (އީޔޫ)ގެ ގުޅުން، އިންތިހާއަށް ހީނަރުވެއްޖެއެވެ.

ޗައިނާއާއި ވިލާތުގެ އިއްތިހާދުގެ ގުޅުން އިންތިހާއަށް ހީނަރުވެފައި މިވަނީ، އެއް ބަޔަކު އަނެއް ބަޔަކާ ދެކޮޅަށް އަޅަމުންދާ ދަތި ކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުންނެވެ.

ދަތި ކުރުމުގެ ފިޔަވަޅުތައް އަޅަމުން ދަނީ، ޗައިނާގެ ޝީންޖިއާންގް ސަރަހައްދުގައި، ވީގޫރު ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ޗައިނާއިން ހިންގަމުންދާ ލާއިންސާނީ ޖަރީމާގެ މައްސަލާގައެވެ. މި މައްސަލާގައި ޗައިނާގެ އޮފިޝަލުންނާ ދެކޮޅަށް ވިލާތުން ދަތިކުރުމުގެ ފިޔަވަޅު އަޅާފައި ވާއިރު، ޗައިނާއިން ވަނީ ރައްދުގައި، އީޔޫގެ 10 އޮފިޝަލަކާ، 4 މުއައްސަސާއަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ. ޗައިނާގެ ފިޔަވަޅުތައް އަމާޒުވި ވަކިވަކި ފަރުދުންގެ ތެރޭގައި، ޔޫރަޕިއަން ޕާލަމެންޓްގެ މެންބަރުންވެސް ހިމެނިވަޑައިގަންނަވައެވެ.

ވީގޫރު މައްސަލާގައި ވިލާތުން ޗައިނާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައި ވާއިރު، މިއީ 1989 ވަނަ އަހަރު ޓިއާނަމަން މައިދާނުގައި ހިންގި ޖަރީމާއަށްފަހު، އިންސާނީ ހައްގުތަކުގެ މައްސަލާގައި ވިލާތުން ޗައިނާއާ ދެކޮޅަށް މިފަދަ ކަމެއް ކުރި ފުރަތަމަ ފަހަރު ކަމަށް މައުލޫމާތު ލިބެއެވެ.

ކަން މިހެން އޮތްއިރު، ވީގޫރު މުސްލިމުންގެ މައްސަލައަކީ ދާހިލީ މައްސަލައެއް ކަމަށް ޗައިނާއިން ވަކާލާތު ކުރެއެވެ. މިކަމުގައި ޗައިނާއިން ރައްދުގައި އަޅަމުންދާ ފިޔަވަޅުތަކަކީ، މީގެ ކުރިން ފެނިފައި ވާ ފަދަ ފިޔަވަޅުތަކެއްވެސް ނޫނެވެ. ވީގޫރު މުސްލިމުން ބަންދު ކޮށްގެން ގެންގުޅޭ މައްސަލާގައި ޗައިނާއިން ބުނަމުން ދަނީ، އެއީ ރީހެބިލިޓޭޝަން މަރުކަޒުތަކެއް ކަމަށެވެ.

ޗައިނާއާއި އެމެރިކާގެ ގުޅުން ހީނަރު ވަމުން އަންނަ ތާ އަހަރުތަކެއް ވެފައި ވީ ނަމަވެސް، އެ ދުވަސްވަރުވެސް ޗައިނާއާއި ވިލާތާއި ދެމެދު ބަދަހި ގުޅުމެއް އޮތެވެ. ދެ ފަރާތުގެ މެދުގައި މިނިވަން އުސޫލަކުން ވިޔަފާރި ހިންގުމަށް އެއްބަސްވުމެއް އެކުލަވާލީވެސް މިދިޔަ ޑިސެންބަރު މަހުގެ ތެރޭގައެވެ.

މި އެއްބަސްވުމަށް ވިލާތުން ދިން އެއްބާރުލުން މަޑުޖައްސާލުމަށްވެސް ވިލާތުގެ ބައެއް ޕާޓީތަކުން ވިސްނަމުން އަންނަ ކަމަށް ހަބަރު ލިބެއެވެ.