ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، އެ މެންބަރުންގެ ދާއިރާއަށް ކުރައްވާ ދަތުރުތަކަކީ ރަސްމީ ދަތުރުތައް ގޮތުގައި ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހުން ނިންމައިފިއެވެ.

މިފަދައިން ނިންމާފައި މަޖިލީހުގެ އާންމު ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައެވެ. ކޮމިޓީގެ އެ ނިންމުން އިއުލާން ކުރައްވަމުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މެންބަރުން ދާއިރާތަކަށް ކުރައްވާ ދަތުރުތަކަކީ ރަސްމީ ދަތުރުތަކުގެ ގޮތުގައި ކަނޑައެޅޭނީ، މަޖިލީހަށް ލިޔުމަކުން ހުއްދައަށް އެދުމުން ކަމަށެވެ. އަދި ދަތުރު ކުރެވޭނީ މަޖިލީހުން ހުއްދަ ދިނުމުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދަތުރުކުރެއްވުމުގެ ހުއްދައަށް އެދި ލިޔަން ޖެހެނީ މަޖިލިސް އިދާރާއަށެވެ. އެ ހުއްދަ ދޭނީ ވެސް އިދާރާއިންނެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، މިފަދަ ދަތުރެއްގައި ވަޑައިގަންނަވާ މެންބަރުން މަޖިލީހުގެ ހާޒިރީގައި އަދި ކޮމިޓީގެ ހާޒިރީގައި ވެސް ފާހަގަ ކުރާނީ ރަސްމީ ދަތުރުގެ ގޮތުގައި ކަމަށެވެ. އަދި މެންބަރުން މިފަދަ ދަތުރެއްގައި ހުންނަވާ، މަޖިލީހުގެ ކޮމިޓީއެއްގެ ބައްދަލުވުމެއްގައި ބައިވެރިވާން އެދިވަޑައި ގަންނަވާނަމަ، އޮންލައިންކޮށް ބައިވެރި ވެވޭނެ އިންތިޒާމް ހަމަޖެއްސޭނެ ކަމަށް ވެސް ކޮމިޓީން ނިންމާފައިވާ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

މިއީ މަޖިލިހުގެ މެންބަރުން ދާއިރާތަކަށް ކުރައްވާ ދަތުރުތަކަކީ މަޖިލިހުގެ ރަަސްމީ ކަމެއް ކަމަށް ހަދަން ފާސްކުރާ ފުރަތަމަ ފަހަރެވެ.

މެންބަރުން ދާއިރާތަކަށް ކުރައްވާ ދަތުރުތަކަކީ ރަސްމީ ދަތުރުތަކެއް ކަމަސް ކަނޑައަޅާފައި ވަނީ ގިނަ މެންބަރުންތަކެއް މަޖިލީހަށް ސަލާމް ވިދާޅުވުމަށްފަހު ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ދާއިރާގެ ރަށްތަކަށް ވަޑައިގެން ތިއްބަވަނިކޮށެވެ.