ކުރިއަށްއޮތް ދުވަސްތަކުގެ ތެރޭގައި ފުލުހުންނާއި ކައުންސިލްތައް ގުޅިގެން މަސައްކަތްކުރާނެ އޮނިގަނޑުތައް ހެދޭނެކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުالله ވިދާޅުވެއްޖެއެވެ.
އިމްރާން އެހެން ވިދާޅުވީ އދ.އޮމަދޫ ޕޮލިސް ޕޯސްޓް ރަސްމީކޮށް ހުޅުވުމަށް އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
އިމްރާން ވިދާޅުވީ އުސޫލުތަކާއި, ގަވާއިދުތަކުގެ ތެރެއިން ލަސްތަކެއްނުވެ އޮނިގަނޑު ހަމަޖެހިގެންދާނެ ކަމަށެވެ. އެމަސައްކަތުގައި އެލްޖީއޭއާ ކައުންސިލްތަކާއި ފުލުހުންނާއެކުގައި މަޝްވަރާ ކޮށް, އުފައްދާ ގަވާއިދުތަކަކީ ރަށްރަށުގެ އަމާން ވެއްޓެއް ގާއިމުކުރުމަށް މަގުފަހިކުރުމަށް އެންމެ މުހިންމު އެއްކަންތައްކަން ފާހަގަކުރެއްވިއެވެ.
ފުލުހުންގެ އާގާނޫނަށް އަމަލުކުރަން ފެށުމަކީ ފުލުހުންގެ މުއައްސަސާއަށާއި, ރައްޔިތުންނަށް ލިބިގެންދިޔަ ހިތްހަމަޖެހުމެއްކަން ފާހަގަކުރައްވާ އިމްރާން ވިދާޅުވީ އެއީ ފުލުހުންގެ ހިދުމަތް ފުޅާކުރުމަށް ސަރުކާރުން ކުރާ މަސައްކަތަށް ވެސް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ. އެ ހިދުމަތް ފުޅާކުރުމަށްޓަކައި އެޅުނު ބިންގަލުގެ މައްޗަށް އަތޮޅުތެރޭގެ ހިދުމަތް ފުޅާކުރުމަށް ސަރުކާރުން ވަރަށްބޮޑު އަމާޒެއް ހިފާފައިވާ ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.
އަތޮޅުތެރޭގެ ވެށި އެކުލެވިގެންވަނީ ހަގީގަތުގައި ވެސް ވަރަށް އަމާން ސުލުހަވެރި ވެއްޓެއްގެ ގޮތުގައިކަން ފާހަގަކުރައްވާ އިމްރާން ވިދާޅުވީ ދާދިފަހުން އަންނަން ފެށި ބައެއް ބަދަލުތަކާއެކު ހާއްސަކޮށް މަސްތުވާތަކެތި ފުޅާދާއިރާއެއްގައި ފެތުރި އެކަމާ ގުޅިގެން އުފެދިގެންދާ ކުށްތަކަކީ ރަށްރަށުން ފެނުމަށް ރައްޔިތުން ނޭދޭ އެކަމަކު ކޮންމެ ވެސް ވަރަކަށް ފެންނަމުންދާ ކަންކަން ކަމަށެވެ.
އެކަމުން މުޖުތަމައު ސަލާމަތްކުރުމަށް ފުލުހުން ކުރާ މަސައްކަތުގައި ރައްޔިތުންގެ އެއްބާރުލުން މުހިއްމުކަން އިމްރާން ފާހަގަކުރެއްވިއެވެ. ހާއްސަކޮށް މިއަދު ލާމަރުކަޒީ އުސޫލުތައް ހަމަޖެހިގެންދާ ގޮތުން ކައުންސިލްތަކުން ފުލުހުންނަށް ދެވޭ އެއްބާރުލުމަކީ ރަށުގެ ކުށުގެ ވެށި ހަމަޖެހި, އަމާން ސުލުހަވެރި ވެއްޓަކަށް ވުމަށްޓަކައި ވަރަށް މުހިއްމު ކަމެއް ކަމަށް އިމްރާން ވިދާޅުވިއެވެ.