ފައިޒާ ވެކްސިން ޖަހަން ބޭނުންވާ އުމުރުން 16 އަހަރުން މަތީގެ ބަލި މީހުންނާއި ކުދިން، ވެކްސިން ޖެހުމަށް އެދި ރަޖިސްޓާ ވުމަށް ހުޅުވާލައިފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ކޯވެކްސް ފެސިލިޓީގެ ދަށުން ރާއްޖެއަށް ލިބިފައިވާ 5500 ޑޯޒްގެ ފައިޒާ ވެކްސިނަކީ ފިނި ހޫނުމިން މައިނަސް 70 ޑިގްރީގައި ބަހައްޓަންޖެހޭ ވެކްސިނެއް ކަމުގައި ވާތީ އެ ވެކްސިން މައިގަޑު ގޮތެއްގައި ޖަހާނީ މާލޭގައި ކަމަށެވެ. ފައިޒާ ވެކްސިންގެ ޖެހުމަށް ހަމަޖެހިފައި ވަނީ ހާއްސަ ހާލަތްތަކެއްގައި ވާ ފަރާތްތަކަށް އެކަނި ކަމަށާއި އޭގެތެރޭގައި ބޮޑެތި މީހުންނާއި އުމުރުން 16 އަހަރާއި 17 އަހަރުގެ ބައެއް ބަލި ހާލަތް ހުރި ކުދިން ވެސް ހިމެނޭ ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ. އެހެންކަމުން އެ ހާލަތްތައް ހުރި ފަރާތްތައް ވެކްސިން ޖެހުމަށް ރަޖިސްޓާ ވުމަށް މިހާރު ހުޅުވާލާފައިވާ ކަމަށް އެޗްޕީޭއިން ބުނެއެވެ.
އުމުރުން 16 އަދި 17 އަހަރުގެ ކުދިންގެ ތެރެއިން ފައިޒާ ވެކްސިން ޖަހަން ހަމަޖެހިފައި ވަނީ:
- ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ (އޯގަން ޓްރާންސް ޕްލާންޓް ހަދާފައިވާ) ކުދިން
- ޑަޔަލިސިސް ގަވައިދުން ހަދަމުންދާ ކުދިން
- ކެންސަރު ބަލީގެ ކުދިންގެ ތެރެއިން ކީމޯތެރަޕީ ނުވަތަ ރޭޑިއޯތެރަޕީގެ ފަރުވާ ލިބެމުންދާ ކުދިން
- އިމިއުނޯސަޕްރެންޓް ނުވަތަ ހަށިގަނޑުގެ ދިފާއީ ބާރު ދެރަ ކުރާ ފަދަ ބޭސްތައް ބޭނުން ކުރާ ކުދިން، މީގެ ތެރޭގައި ތިރީގައިވާ ބޭސްތައް ހިމެނެއެވެ. (Methotrexate, Leflunomide, Mycophenolate, Tacrolimus, Cyclophosphamide, Cyclosporine,Azathioprine and Biologics such as Rituximab, Tocilizumab, Infliximab, Tofacitinib)
- ދިގުމުއްދަތަށް ސްޓެރޮއިޑްގެ ބާވަތްތައް ބޭނުންކުރާ ކުދިން (ދުވާލަކު 10 މިލިގްރާމް ނުވަތަ އެއަށްވުރެ މަތީ ޑޯޒެއް 1 މަހުގެ މުއްދަތަށްވުރެ އިތުރަށް)
- ހަކުރުބަލީގެ ކުދިން
- ތެލަސީމިޔާ މޭޖަރ އަދި ސިކްލްސެލް އެނީމިއާ ބަލީގެ ކުދިން
- ޑައުންސިންޑްރޯމް ހުންނަ ކުދިން
- ސިސްޓިކް ފައިބްރޯސިސް، ބްރޮންކިއެކްޓޭސިސް ފަދަ ފުއްޕާމޭގެ ބަލިތައް ހުންނަ ކުދިން
- އުފެދުމުގައި ހިތުގެ ބޮޑެތި ބަލި (ކޮންޖެނިޓަލް ހާޓް ޑިޒީޒް) ހުންނަ ކުދިން (މައްސަލަ ރަނގަޅު ކުރުމަށް ސާޖަރީއެއް ހަދާފައިނުވާ ކުދިން)
ބޮޑެތި މީހުންގެ ތެރޭގައި ފައިޒާ ވެކސިން ޖަހައިދެނީ ހަށިގަނޑުގެ ދިފާއީ ނިޒާމް ދަށް މީހުންގެ ތެރެއިން ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ (އޯގަން ޓްރާންސް ޕްލާންޓް ހަދާފައިވާ) މީހުންނާއި ޑަޔަލިސިސް ގަވާއިދުން ހަދަމުންދާ މީހުންނާއި ކެންސަރު ބަލީގެ މީހުންގެ ތެރެއިން ކީމޯތެރަޕީ ނުވަތަ ރޭޑިއޯތެރަޕީގެ ފަރުވާ ލިބެމުންދާ މީހުންނާއި ދިގު މުއްދަތަށް ސްޓެރޮއިޑްގެ ބާވަތްތައް ބޭނުންކުރާ މީހުންނަށެވެ.
ހަމައެއާއެކު ދިގު މައްދަތަށް ސްޓެރޮއިޑް ބޭނުން ކުރާ މީހުން ހިމެނޭ އިރު، ދުވާލަކު 10 މިލިގްރާމް ނުވަތަ އެއަށްވުރެ މަތީ ޑޯޒެއް އެއް މަހުގެ މުއްދަތަށް ވުރެ އިތުރަށް ބޭނުން ކުރާ މީހުންނަށް ވެސް އެ ވެކްސިން ޖެހޭނެ ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ. މީގެ އިތުރުން އިމިއުނޯސަޕްރެންޓް ނުވަތަ ހަށިގަނޑުގެ ދިފާއީ ބާރު ދެރަކުރާ ފަދަ ބޭސްތައް (Methotrexate, Leflunomide, Mycophenolate, Tacrolimus, Cyclophosphamide, Cyclosporine ,Azathioprine and Biologics such as Rituximab, Tocilizumab, Infliximab, Tofacitinib) ބޭނުން ކުރާ މީހުންނަށް ވެސް ފައިޒާ ވެކްސިން ޖަހާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
އެހެންކަމުން ފައިޒާ ވެކްސިން ޖަހައިދޭ ހާލަަތަށް ފެތޭ މީހުން ރަޖިސްޓާ ވުމަށް މި ލިންކަށް ޒިޔާރަތް ކޮށްގެން މައުލޫމާތު ފުރުމަށް އެޗްޕީއޭއިން ބުނެއެވެ. އަދި ވެކްސިން ޖަހައިދެމުން ދާނީ ރަޖިސްޓާ ވާ ފަރާތްތަކަށް އަންގައިގެން ކަމަށާއި ވެކްސިން ޖެހުމަށް ވަގުތު ހަމަޖައްސައިގެން ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި ފައިޒާ ވެކްސިން ދިނުމަށް ހަމަޖެހިފައި ވަނީ މިހާރު ރާއްޖެއަށް ލިބިފައިވާ ވެކްސިންގެ އަދަދަށް ބަލައިގެން 2 ޑޯޒް ފޯރުކޮށްދެވޭނެ އަދަދަށް ބަލައިގެން ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.