ހަރުކަށި ފިކުރުގެ ނުރައްކަލުން ފަރުދުން ދުރު ކުރެވޭނެ ގޮތްތައް ދެނެގަތުމަށްޓަކައި ދިވެހިރާއްޖޭގެ ދީނީ އިލްމުވެރިންނަށް އަމާޒުކޮށް ވެބިނާ މިއަދު ފަށައިފިއެވެ.

ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުން (އެންސީޓީސީ) އިން ބުނީ، ދިވެހިރާއްޖޭގައި ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމާއި މުޖުތަމައުގެ އަމާންކަމާއި ބަދަހިކަން ބިނާކުރުމާ ބެހޭ ގޮތުން ދިވެހިރާއްޖޭގެ ދީނީ އިލްމުވެރިންނަށް އަމާޒުކޮށް ބާއްވާ "ބަދަހި އަމާން މުޖުތަމައެއް ބިނާ ކުރުމުގައި ދީނީ އިލްމުވެރިންގެ ދައުރު" ވެބިނާ މިއަދު ފަށަފައިވާ ކަމަށެވެ.

މި ވެބިނާގެ މަގްސަދަކީ ދީނުގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ އަލީގައި ބަދަހި އަމާން މުޖުތަމައެއް ބިނާ ކުރުމުގައި ދީނީ އިލްމުވެރިންގެ ދައުރު ފުޅާކޮށް، ހަރުކަށި ފިކުރުގެ ނުރައްކަލުން ފަރުދުން ދުރު ކުރެވޭނެ ގޮތްތައް ދެނެގަނެ، ކްރިޓިކަލް ތިންކިންގެ ހުނަރު އިތުރުކޮށް، ޑިޖިޓަލް މީޑިއާއަށް އަހުލުވެރި ކުރުވުމާއި، ތަހައްމަލު ކުރުމުގެ އާދަ އަށަގެންނެވުމާއި، އަނެކުންގެ ފުރާނަ އާއި މުދާ ރައްކާތެރިކޮށް ފަރުދުންގެ ހައްގުތަކަށް އިހްތިރާމްކުރުގެ ސަގާފަތް އަށަގެންނެވުން ކަމަށް އެންސީޓީސީން ބުނެއެވެ.

މި ވެބިނާ ފައްޓަވައި ދެއްވުމުގެ ގޮތުން އެންސީޓީސީގެ ޑިރެކްޓާ ޖެނެރަލް ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ދެއްކިެވި ވާހަކައޮގައި ވަނީ ދިވެހިރާއްޖެ ފަދަ އެއް ދީނަކަށް ނިސްބަތްވާ އެއް ނަސްލެއްގެ ބަޔަކު އުޅޭ ގައުމެއްގައި ދީނީ ހިލާފުވުންތައް އުފައްދާ ހަރުކަށި ފިކުރާ ގުޅިގެން މުޖުތަމައު ބައިބައިވެ ހަލާކުވުމުން ސަލާމަތް ކުރުމުގައި ދީނީ އިލްމުވެރިންގެ ދައުރަށް އަލި އަޅުއްވާލައްވާފައެވެ.

މި ވެބިނާ އަކީ އެންސީޓީސީ އާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އަދި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ އަދި އިންޑިއާގެ މަނިހާރު ޕައްރިކާރު އިންސްޓިޓިއުޓް ފޮ ޑިފެންސް އެންޑް ސެކިއުރިޓީ އެނެލިސިސް ގުޅިގެން ދީނީ އިލްމުވެރިންނަށް ހިންގާ ޕްރޮގްރާމެކެވެ. މި ވެބިނާގެ ސެޝަންތައް ނަންގަވައި ދެއްވާނީ އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްގެ ވައިސް ޗާންސެލާ ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ، ފަޟީލަތުއްޝައިޚް އަލްއުސްތާޛު އިބްރާހީމް އަހްމަދު، އިޑްސާގެ ކޯޑިނޭޓާ ފޮ ކައުންޓާ ޓެރެރިޒަމް ސެންޓާ، ޑރ. އާދިލް ރަޝީދު، އަދި އިސްލާމިކް ޔުނިވާސިޓީގެ ކޮންސަލްޓަންޓް ޑރ. އަބްދުލްހައްގު ބޭކާ އެވެ.

3 ދުވަހުގެ މުއްދަތަށް ކުރިއަށް ދާ ވެބިނާގައި އެންސީޓީސީގެ ޑިޖިޓަލް ޕާޓްނަރައަކީ އޫރިދޫ މޯލްޑިވްސް އެވެ. މި ވެބިނާގައި ދިވެހިރާއްޖޭގެ ދީނީ އިލްމުވެރިންގެ ތެރެއިން 60 ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެއެވެ.