އަންނަ ހަފްތާގެ އާދިއްތަ އަދި ހޯމަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފިއެވެ.

ރައީސް އޮފީހުން ބުނީ، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ވޯޓުލުން މި މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައި ވުމާއެކު، އިންތިހާބާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުން ހަރަކާތްތެރި ވާތީ ކަމަށް މި މަހުގެ 11 ވާ އާދިއްތަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށް ރައީސުލް ޖޫމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާލުވެފައިވާ ކަމަށެވެ.

އަދި މި އަހަރުގެ ކަލަންޑަރުގައި ވާ ގޮތަށް 1442 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް، މި އެޕްރީލް މަހުގެ 13 ވާ އަންގާރަ ދުވަހަށް ވެއްޖެ ނަމަ، މި އެޕްރީލް މަހުގެ 12 ވާ ހޯމަ ދުވަހަކީ ވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވެފައިވާ ކަމަށް އެ އޮފީހުން ބުނެއެވެ.

މި އަހަރުގެ ބަންދު ދުވަސްތަކުގެ ތެރެއަށް މީގެ ކުރިން ވަނީ 2 ދުވަސް އިތުރު ކޮށްފައެވެ. އެއީ މި އަހަރުގެ ޖުލައި 18 އަދި 25 ވަނަ ދުވަހެވެ. ޖުލައި 18 ވަނަ ދުވހާ ވިދިގެން އަންނަނީ އަރަފާތު ދުވަހެވެ. އެހެންކަމުން ޖުލައި 18 ވާ އާދިއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ކަނޑައެޅުމުން އެ ހަފްތާ އެއްކޮށް ސަރުކާރު ބަންދު ވެއެވެ. ހަމައެއާއެކު ޖުލައި 25 ވަނަ ދުވަހާ ވިދިގެން އަންނަނީ މިނިވަން ދުވަހެވެ. އެހެން ކަމުން އެ ދުވަސް ބަންދު ކޮށްފައި ވަނީ އެކަމުގެ މުނާސަބަތުގައެވެ. ޖުލައި 25 ވާ އާދިއްތަ ދުވަސް ބަންދު ކުރުމުން އެ ހަފްތާ އެއްކޮށް ސަރުކާރު ބަންދު ވެއެވެ.