ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ވެކްސިން ދިނުމަށް، ބައިނަލްއަގުވާމީ ފެންވަރުގައި ހިންގަމުން އަންނަ ވެކްސިން ކެމްޕޭންގައި، އާބާދީގެ ނިސްބަތުން 3 ވަނައަށް އެންމެ ގިނަ އަދަދަކަށް ފުރަތަމަ ޑޯޒްގެ ވެކްސިން ޖެހި މީހުން ތިބި ގައުމުގެ ޝަރަފު، ދިވެހި ރާއްޖެއިން ކަށަވަރު ކޮށްފިއެވެ.

ކޮވިޑް-19 ބައިނަލްއަގުވާމީ ވެކްސިން ކެމްޕޭންގެ ތަފާސް ހިސާބުތައް ވިލަރެސް ކުރަމުން އަންނަ ބްލޫމްބާގްގެ ރެކޯޑްތަކަށް ބަލާއިރު، ރާއްޖެއިން މިހާތަނަށް 245470 ޑޯޒްގެ ވެކްސިން ވަނީ ޖަހާފައެވެ. ބްލޫމްބާގްގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ އާބާދީގެ 65.5 ޕަސެންޓް މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ.

ކޮވިޑް-19 ވެކްސިންގެ ދެވަނަ ޑޯޒް، ހޮނިހިރު ދުވަހު ޖަހަން ފަށާފައި ވާއިރު، އާބާދީގެ 0.5 ޕަސެންޓް މީހުން ދެވަނަ ޑޯޒް ޖަހާ، ވެކްސިން ފުރިހަމަ ކޮށްފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހަމުންދާ ގައުމުތަކަށް ބަލާއިރު، ރާއްޖޭގެ ކުރިއަށް ދެން އޮތީ އާބާދީގެ 89.6 ޕަސެންޓަށް ފުރަތަމަ ޑޯޒް ޖެހި ޖިބްރާލްޓާއާ، 53.2 ޕަސެންޓަށް ވެކްސިން ޖެހި ސީޝެލްސްއެވެ. ޖިބްރާލްޓާގެ އާބާދީގެ 84.2 ޕަސެންޓް މީހުން 2 ޑޯޒް ފުރިހަމަ ކޮށްފައި ވާއިރު، ސީޝެލްސްގެ 39.2 ޕަސެންޓް މީހުން ވެކްސިންގެ 2 ޑޯޒް ފުރިހަމަ ކޮށްފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.