ކޮވިޑް އިން ރައްކާތެރިވުމަށް ވެކްސިން ޖެހުމަށް ހިންގާ ޕްރޮގްރާމްގެ ދަށުން ރާއްޖެއިން ވެކްސިން ޖެހި މީހުންގެ އަދަދު 241،127 އަށް އަރައިފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރުނު ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އިއްޔެ 354 މީހުން ވެކްސިން ޖަހާފައި ވެއެވެ. އެއީ އަތޮޅުތެރެއިން ވެކްސިން ޖެހި މީހުންނެވެ. އެއާއެލު މިހާރު އަތޮޅު ތެރެއިން ވެކްސިން ޖެހި މީހުންގެ އަދަދި ވަނީ 109.083 އަށް އަރާފައެވެ.
ހުކުރު ދުވަހަކީ މާލެ ސަރަހއްދުގައި ވެކްސިން ޖަހައިދޭ ދުވަހެއް ނޫނެވެ. އެހެންކަމުން އިއްޔެއާ ހަމައަށް މާލެ ސަރަހައްދުގައި ވެކްސިން ޖެހި މީހުންގެ އަދަދު ވަނީ 132،044 އަށް އަރާފައެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަން ފަށާފައިވާ އިރު، މާލެ ސަރަހައްދުން ފުރަތަމަ ޑޯޒް ޖެހުން މެދުކަނޑާލާފައި ވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ. އެއަށް ފަހު މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ނުޖަހާ ތިބި މީހުންނަށް އަނެއްކާ ވެސް ވެކްސިން ޖަހަން ވަނީ ފަށާފައެވެ.
ހަމައެއާއެކު މިދިޔަ މަހުގެ ފަހުކޮޅު ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމުގެ މަސައްކަތް ވެސް ވަނީ ފަށާފއެވެ. ނަމަވެސް ދެވަނަ ޑޯޒް ފުރިހަމަ ކުރަންޖެހޭ ތާރީހަށް ރާއްޖެގައި ތުނިތެބެވޭ ފަރާތްތަކަށެވެ. އެގޮތުން ތައުލީމް ހާސިލް ކުރުމަށާއި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާން ޖެހޭ މީހުންނަށް ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން އެދި ނަން ނޯޓް ކޮށްގެން އެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މިއަދުން ފެށިގެން ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް އާންމުކޮށް ހުޅުވާލައިގެން ވަނީ ކުރިއަށް ގެންދަން ފަށާފައެވެ. އަދި ކޮވިޝީލްޑްގެ ދެވަނަ ޑޯޒް މިއަދު ޖަހަން ފަށާފައި ވަނީ މާލެ ސަރަހައްދުގައި ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ރާއްޖޭގައި ކޮވިޑް ބަލިން ރައްކާތެރިވުމަށް ވެކްސިން ޖެހުމުގެ މަސައްކަތް ހަލުވި ސްޕީޑެއްގައި ކުރިއަށް ގެންދާ އިރު ކޮވިޝީލްޑްގެ އިތުރުން ސިނޯފާމް ވެކްސިން އަންނަނީ އާންމުކޮށް ހުޅުވާލައިގެން ދެމުންނެވެ. ރާއްޖޭގައި ފައިޒާ އަދި ސިނޯފާމް ވެކްސިން ޖަހަން ހުއްދަ ދީފައި ވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހެވެ. އަދި ސިނޯފާމް ވެކްސިން ދޭން ފަށާފައި ވަނީ މިދިޔަ މަހުގެ 22 ގައެވެ.
ފައިޒާ ވެކްސިން ރާއްޖޭގައި ދިނުމަށް ހަމަޖެހިފައި ވަނީ ހަމައެކަނި މާޅެ ސަރަހައްދުގައެވެ. އެއީ އެ ވެކްސިން 70- ޑިގްރީ ގައި ރައްކާކޮށްފައި ބަހައްޓަން ޖެހޭތީ ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި ފައިޒާ ވެކްސިން ޖަހައިދެނީ ހަށިގަނޑުގެ ދިފާއީ ބާރު ދަށް ބަލި މީހުންނަށް ކަމަށާއި އުމުރުން 16 އަހަރު އަދި 17 އަހަރުގެ ކުދިންގެ ތެރެއިން ވެސް މި ވެކްސިން ޖަހާނީ ދިފާއީ ބާރު ދަށް ބަލި ކުދިންނަށް ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.