ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް އާންމުކޮށް ހުޅުވާލައިގެން މާލެ ސަރަހައްދުގައި ޖަހަން ފަށައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، މިއަދު ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ފަށާފައިވާ ކަމަށެވެ. އެ ގޮތުން މާލެ ސަރަހައްދުގައި އެކަން ކުރިއަށް ގެންދާ ކަމަށް އެ އެޖެންސީން ބުނެއެވެ. އަދި މިއަދު ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ދޭނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 1 އަކުން 4 އާއި ދެމެދު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ފަރާތްތަކަށް ކަމަށް ވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އެއެޖެންސީން ވަނީ ވެކްސިން ޖަހަން އަންނަ ފަރާތްތައް ސަމާލުވާން ޖެހޭ ކަން ކަން ހާމަކޮށްފައެވެ.

ވެކްސިން ޖަހަން ދާ އިރު ސަމާލުކަން ދޭންވީ ކަންކަން:

  • އައިޑީކާޑް ނުވަތަ ޕާސްޕޯޓް ނުވަތަ ލައިސަންސް ގެންދިއުން
  • ވެކްސިން ކާޑް ގެންދިއުން
  • ރަނގަޅަށް ކައިގެން ހުރުން
  • ހުން އައިސްފައިވާ ނުވުން
  • ކޮވިޑް ބަލީގެ އެއްވެސް އަލާމާތެއް ނެތުން
  • އަދި ކޮވިޑް ޕޮޒިޓިވްވެފައިވާ މީހެއްގެ ކޮންޓެކްޓަކަށް ނުވުން

ރާއްޖޭގައި ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ޖަހަން ފަށާފައި ވަނީ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. އެންމެ ފުރަތަމަ ރާއްޖޭގައި ޖަހާފައި ވަނީ ކޮވިޝީލްޑް ވެކްސިން އެވެ. ރާއްޖޭގެ ކަމާ ބެހޭ ފަރާތްތަކުން ޗައިނާގެ ސިނޯފާމް ވެކްސިން އަދި އެމެރިކާގެ ފައިޒާ ވެކްސިނަށް އެމަޖެންސީ އެޕްރޫވަލް ދީފައިވާ އިރު މިމަހުގެ 22 އެޗްޕީއޭއިން ވަނީ މާލޭ ސަރަހައްދުގައި ސިނޯފާމްގެ ފުރަތަމަ ޑޯޒް ދޭން ފަށާފައެވެ.

ފެބްރުއަރީ ފުރަތަމަ ދުވަހުން ފެށިގެން ކޮވިޝީލްޑް ވެކްސިން ޖެހި މީހުން 8 ހަފްތާ އާއި 12 ހަފްތާ ދެމެދު އެ ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ޖެހެއެވެ. ނަމަވެސް ސިނޯފާމް ވެކްސިން ޖަހާ މީހުން އެ ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ޖެހެނީ ފުރަތަމަ ޑޯޒް ޖަހާތާ 4 ހަފްތާ ތެރޭގައެވެ.

ކޮވިޝީލް ވެކްސިންގެ ދެވަނަ ޑޮޒް އާންމުކޮށް ހުޅުވާލައިގެން މިއަދު ޖަހަން ފަށާފައި ވީ ނަމަވެސް ހާއްސަ ހާލަތްތަކުގެ ސަބަބުން ބައެއް މީހުން ރާއްޖެއިން ބޭރަށް ދަތުރު ކުރަން ޖެހޭތީ އެފދަ ފަރާތްތަކަށް ދެވަނަ ޑޯޒްގެ ވެކްސިން ވަނީ މީގެ ކުރިން ޖަހަން ފަށާފައެވެ.