މިދިއަ 24 ގަޑިއިރުގެ ތެރޭ ރާއްޖެއިން ކޮވިޑް-19އަށް އިތުރު 169 މީހަކު ޕޮޒިޓިވްވެ، ރާއްޖޭގެ ކޮވިޑް ޖެހުނު މީހުންގެ އަދަދު 24،548 އަށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލޭ ސަރަހައްދުން ބަލި ޖެހުނު 67 މީހަކާއި ރަށްރަށުން ޕޮޒިޓިވްވި 65 މީހަކާއި ރިސޯޓުތަކުން ޕޮޒިޓިވްވި 29 މީހެއްގެ އިތުރުން އިންޑަސްޓްރިއަލް ރަށްރަށުން 8 މީހުން ކަމަށެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑް އެކްޓިވް ކޭސްގެ ގޮތުގައި 3104 މީހުން ތިބިއިރު، މިހާތަނަށް 21،368 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފައެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 89 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް މަރުވީ 67 މީހަކު މަރުވެފައެވެ.

ކޮވިޑްގެ ބަލި މީހުން ފެންނަ ނިސްބަތް އިތުރުވަމުންދާ ނަމަވެސް ރައްކާތެރިކަމަށް އެޅި ފިޔަވަޅުތަކަށް އެޗްޕީއޭއިން ދަނީ ލުއި ދެމުންނެވެ. އެގޮތުން ކެފޭ/ރެސްޓޯރަންޓްތައް ހުޅުވާފައި ބެހެއްޓޭ ވަގުތު އިތުރުކޮށް ވެހިކަލް މަނާ ވަގުތު ވަނީ އުވާލާފައެވެ. އަދި އަންނަ އާދިއްތަ ދުވަހު ސުކޫލުތައް ފެށުމަށްވެސް ވަނީ ނިންމާފައެވެ. އަދި އިއްޔެ ވަނީ ކާފިއު އުވާލާ ގިނަ ލުއިތަކެއް ދީފައެވެ.