ކޮވިޑް ބަލިމަޑުކަން ފެތުރެމުން ދާތީ ބޭބީ ނާސަރީ އާއި ނާސަރީ ދަރިވަރުން ގޭގައި ބައިތިއްބައިގެން އޮންލައިންކޮށް ކިޔަވައިދެމުންދާ ދިއުން ބަދަލުކޮށް މިއަދުން ފެށިގެން ސްކޫލަށް ހާޒިރުވާ ގޮތަށް ހަމަޖައްސައިފިއެވެ.

މީގެ ކުރިން އެޑިއުކޭޝަނުން ބުނީ އޭޕްރިލް އެއްވަނަ ދުވަހުން ފެށިގެން އެލްކޭޖީން މަތީ ހުރިހާ ގްރޭޑްތަކެއްގެ ދަރިވަރުން ސްކޫލަށް ހާޒިރު ކޮށްގެން ކިޔަވައި ދިނުމަށް ނިންމާފައިވާ ކަމަށެވެ. މި ގޮތަށް އެޑިއުކޭޝަނުން ނިންމާ އަންގާފައި ވަނީ މިދިޔަ މަހުގެ 25 ގައެވެ.

ނަމަވެސް މިއަދު އެޑިއުކޭޝަނުން ނެރުނު އިއުލާނެއްގައި ވަނީ ކޮވިޑްގެ ހާލަތު މިހާރު އޮތް ގޮތަށް ބެލުމަށް ފަހު މިއަދުން ފެށިގެން ބޭބީ ނާސަރީ އަދި ނާސަރީ ދަރިވަރުން ސްކޫލަށް ހާޒިރުކޮށްގެން ކިޔަވައިދިނުމުގެ ހުއްދަ ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ދީފައިވާތީ ސްކޫލަތަކަށް މި ހުއްދަ ދީފައިވާ ކަމަށެވެ.

ކޮވިޑް ބަލިމަޑުކަން ފެތުރުމުގެ ސަބަބުން މި އަހަރު ސްކޫލް ހުޅިވައިގެން ކިޔަވައިދެމުން ދިޔަ ނަަމަވެސް ކޭސްތައް އިތުރުވަމުން ދިއުމާ ގުޅިގެން ގްރޭޑް 8 އިން ދަށުގެ ދަރިވަރުންގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދާ ގޮތަށް ބަދަލު ކުރީ މިދިޔަ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ. އެއަށް ފަހު މިދިޔަ މަހުގެ 18 ވަނަ ދުވަހުން ފެށިގެން ވަނީ ގްރޭޑް 7 އިން މަތީގެ ދަރިވަރުން ސްކޫލަށް ހާޒިރުވާ ގޮތަށ ހަމަޖައްސާ ގްރޭޑް 6 އިން ދަށުގެ ދަރިވަރުން އޮންލައިން ކޮށް ގޭގައި ތިބެގެން ކިޔަވާ ގޮތަށް ހަމަޖައްސާފައެވެ.

2020 ވަނަ އަހަރުގެ ދިރާސީ އަހަރުގައި ކިޔަވައި ދިނުން ދިގު ދެމިގެން ގޮސްފައި ވަނީ ރާއްޖޭގައި ކޮވިޑް ބަލިމަޑުކަން ފެތުރި ސްކޫލަތަކުގައި ކިޔަވައިދިނުން މަޑު ޖައްސާލުމުގެ ސަބަބުންނެވެ. ސްކޫލްތައް ބަންދުކޮށްފައި އޮތުމަށް ފަހު ވަނީ އޮންލައިން ކްލާސްތައް ހިންގާފައެވެ. އަދި މިދިޔަ އަހަރު ފަހު ކޮޅުގައި ވަނީ ސްކޫލްތަކުގައި ގްރޭޑް 7 އިން ފެށިގެން މަތީ ގްރޭޑްތަކުގެ ދަރިވަރުން ކޮންމެ ހަފްތާއަކު ދެ ދުވަހު ސްކޫލަށް ހާޒިރުކޮށް ކިޔަވައިދީފައެވެ.

ސްކޫލްތަކަށް މިހާރު ހުރިހާ ދަރިވަރުން ގެންގޮސްގެން ކިޔަވައިދޭ ގޮތަށް ހަމަޖއްސާފައި ވާއިރު އަދިވެސް ކޮވިޑަށް ޕޮޒިޓިވް ވާ ކޭސްތައް މަދެއް ނުވެއެވެ. މިއަދުވެސް ކޮވިޑަށް ޕޮޒިޓިވް ވީ އަދަދު ވަނީ 300 އަށް އަރާފައެވެ.