ފައިޒާ ވެކްސިން ޖަހާނީ މާލެ ސަރަަހައްދުގައި ކަމަށާއި އުމުރުން 16 އަހަރާއި 17 އަހަރުގެ ކުދިންގެ ތެރެއިން ބައެއް ބަލި ހާލަތްތައް ހުންނަ ކުދިންނަށް އެ ވެކްސިން ޖެހުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ކޯވެކްސް ފެސިލިޓީގެ ދަށުން ރާއްޖެއަށް ލިބިފައިވާ 5500 ޑޯޒްގެ ފައިޒާ ވެކްސިނަކީ ފިނި ހޫނުމިން 70- ޑިގްރީގައި ބަހައްޓަންޖެހޭ ވެކްސިނެއް ކަމުގައި ވާތީ އެ ވެކްސިން މައިގަޑު ގޮތެއްގައި ޖަހާނީ މާލޭގައި ކަމަށެވެ. ފައިޒާ ވެކްސިންގެ ޖެހުމަށް ހަމަޖެހިފައި ވަނީ ހާއްސަ ހާލަތްތަކެއްގައި ވާ ފަރާތްތަކަށް އެކަނި ކަމަށާއި އޭގެތެރޭގައި ބޮޑެތި މީހުންނާއި އުމުރުން 16 އަހަރާއި 17 އަހަރުގެ ބައެއް ބަލި ހާލަތް ހުރި ކުދިން ވެސް ހިމެނޭ ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.
އެގޮތުން އެ ވެކްސިން ޖަހާ ބޮޑެތި މީހުންގެ ތެރޭގައި ހިމެނެނީ ހަށިގަނޑުގެ ދިފާއީ ނިޒާމް ދަށް މީހުން ކަމަށް އެޗްޕީއޭއިން ބުނެއެވެ. އެފަދަ މީހުންގެ ތެރޭގައި ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ (އޯގަން ޓްރާންސް ޕްލާންޓް ހަދާފައިވާ) މީހުންނާއި ޑަޔަލިސިސް ގަވާއިދުން ހަދަމުންދާ މީހުންނާއި ކެންސަރު ބަލީގެ މީހުންގެ ތެރެއިން ކީމޯތެރަޕީ ނުވަތަ ރޭޑިއޯތެރަޕީގެ ފަރުވާ ލިބެމުންދާ މީހުންނާއި ދިގު މުއްދަތަށް ސްޓެރޮއިޑްގެ ބާވަތްތައް ބޭނުންކުރާ މީހުން ހިމެނެއެވެ.
ހަމައެއާއެކު ދިގު މައްދަތަށް ސްޓެރޮއިޑް ބޭނުން ކުރާ މީހުން ހިމެނޭ އިރު، ދުވާލަކު 10 މިލިގްރާމް ނުވަތަ އެއަށްވުރެ މަތީ ޑޯޒެއް އެއް މަހުގެ މުއްދަތަށް ވުރެ އިތުރަށް ބޭނުން ކުރާ މީހުންނަށް ވެސް އެ ވެކްސިން ޖެހޭނެ ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ. މީގެ އިތުރުން އިމިއުނޯސަޕްރެންޓް ނުވަތަ ހަށިގަނޑުގެ ދިފާއީ ބާރު ދެރަކުރާ ފަދަ ބޭސްތައް (Methotrexate, Leflunomide, Mycophenolate, Tacrolimus, Cyclophosphamide, Cyclosporine ,Azathioprine and Biologics such as Rituximab, Tocilizumab, Infliximab, Tofacitinib) ބޭނުން ކުރާ މީހުންނަށް ވެސް ފައިޒާ ވެކްސިން ޖަހާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ފައިޒާ ވެކްސިނަކީ އުމުރުން 16 އަހަރުން މަތީގެ މީހުންނަށް ދެވޭ ވެކްސިނަކަށް ވާތީ، އުމުރުން 16 އަހަރާއި 17 އަހަރުގެ ކުދިންގެ ތެރެއިން ބައެއް ބަލި ހާލަތްތައް ހުންނަ ކުދިންނަށް އެ ވެކްސިން ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.
އުމުރުން 16 އަދި 17 އަހަރުގެ ކުދިންގެ ތެރެއިން ފައިޒާ ވެކްސިން ޖަހަން ހަމަޖެހިފައި ވަނީ:
- ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ (އޯގަން ޓްރާންސް ޕްލާންޓް ހަދާފައިވާ) ކުދިން
- ޑަޔަލިސިސް ގަވައިދުން ހަދަމުންދާ ކުދިން
- ކެންސަރު ބަލީގެ ކުދިންގެ ތެރެއިން ކީމޯތެރަޕީ ނުވަތަ ރޭޑިއޯތެރަޕީގެ ފަރުވާ ލިބެމުންދާ ކުދިން
- އިމިއުނޯސަޕްރެންޓް ނުވަތަ ހަށިގަނޑުގެ ދިފާއީ ބާރު ދެރަ ކުރާ ފަދަ ބޭސްތައް ބޭނުން ކުރާ ކުދިން، މީގެ ތެރޭގައި ތިރީގައިވާ ބޭސްތައް ހިމެނެއެވެ. (Methotrexate, Leflunomide, Mycophenolate, Tacrolimus, Cyclophosphamide, Cyclosporine,Azathioprine and Biologics such as Rituximab, Tocilizumab, Infliximab, Tofacitinib)
ރާއްޖޭގައި ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ޖަހަން ފަށާފައި ވަނީ މިދިޔަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. އެންމެ ފުރަތަމަ ރާއްޖޭގައި ޖަހާފައި ވަނީ ކޮވިޝީލްޑް ވެކްސިން އެވެ. ރާއްޖޭގެ ކަމާ ބެހޭ ފަރާތްތަކުން ޗައިނާގެ ސިނޯފާމް ވެކްސިން އަދި އެމެރިކާގެ ފައިޒާ ވެކްސިނަށް މިހާރު އެމަޖެންސީ އެޕްރޫވަލް ދީފައިވާ އިރު މިމަހުގެ 22 ގައި އެޗްޕީއޭއިން ވަނީ މާލޭ ސަރަހައްދުގައި ސިނޯފާމްގެ ފުރަތަމަ ޑޯޒް ދޭން ފަށާފައެވެ.