ކޮވިޑް-19 ފެނި ފާދިއްޕޮޅުގެ ހުރިހާ ރަށެއް މޮނިޓަރިންއަށް ލައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭއިން)ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެންމެ ފަހުން އެ އަތޮޅުން މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ އެ އަތޮޅު ކުރެންދޫއެވެ.

ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ ކުރެންދޫ ކައުންސިލަށް ފޮނުވާފައިވާ އެންގުމުގައި ބުނެފައިވަނީ އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް ކަމަށެވެ. އެ ރަށަށް މޮނިޓަރިންއަށް ލާފައިވަނީ ކޮންޓެކްޓު ޓްރޭސިން ހަދައި ނިމެންދެންނެވެ.

އެ ރަށުން ދެ މީހަކު މިއަދު ވަނީ ކޯވިޑް-19 އަށް ޕޮސިޓިވް ވެފައި އެވެ. އެއީ ޅ. އަތޮޅުގެ އެހެން ރަށްރަށުގައި ކޯވިޑް ފެތުރެމުންދާތީ އެ ރަށުގައި ނެގި ރެންޑަމް ސާމްޕަލްތަކެއްގެ ތެރެއިން ޕޮސިޓިވްވި ދެ މީހުންނެވެ.

ޅ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއް މޮނިޓަރިންގެ ހާލަތަށް ލާފައި ވާއިރު، އެންމެ ފުރަތަމަ އެ އަތޮޅުން މޮނިޓަރިންއަށް ލާފައި ވަނީ ޅ. ނައިފަރެވެ. ނައިފަރު ފުރަތަމަ ޕޮޒިޓިވްވީ ރ. އުނގޫފާރު ހޮސްޕިޓަލަށް ހިދުމަތް ހޯދަން ދިޔަ މީހެކެވެ. އެއީ މި މަހުގެ 21 ވަނަ ދުވަހެވެ. އެ ދުވަހު ދެ މީހަކު ޕޮޒިޓިވްވިއެވެ.

ނައިފަރުން ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރު ވެފައި ވާއިރު، އެ ކޭސްތަކާ ގުޅިގެން ޕޮޒިޓިވްވި މީހުންނާއެކު އެ އަތޮޅުގެ ފެލިވަރާއި އޮޅުވެލިފުށިވެސް މިހާރު ވަނީ މޮނީޓަރިން ހާލަތަށް ގެނެސްފައެވެ.

މީގެ އިތުރުން އެ އަތޮޅު ހިންނަވަރުން ޕޮޒިޓިވް ކޭސްއެއް ފުރަތަމަ ފެނިފައި ވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހެވެ. އެއީ ކޮވިޑަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރެ އެ ރަށު ފްލޫ ކްލިނިކަށް ދައްކަން ދިޔަ މީހަކުގެ ސާމްޕަލެއް ކޮވިޑަށް ޕޮޒިޓިވްވެއެވެ.

އަތޮޅުތަކުގައި ކޮވިޑް-19 އަށް ޕޮޒިޓިވް 600 އަށްވުރެއް ގިނަ ކޭސް ރިޕޯޓުކޮށްފައިވާއިރު އެޗްޕީއޭގެ ތަފާސްހިސާބުން ދައްކާގޮތުގައި ރާއްޖޭގެ އަތޮޅުތެރޭގެ 56 ރަށެއްގައި އެކްޓިވް ކޭސްތައް ހުރި އިރު 15 ރަށެއް މޮނިޓަރިންގައިވެއެވެ.

އެ ރަށްތަކުގައި ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި 647 މީހަކު އެބަތިއްބެވެ. އޭގެތެރޭގައި ހިމެނެނީ 175 ބިދޭސީންނާއި 472 ދިވެހިންނެވެ.

މޮނިޓަރިންގައި މިވަގުތު އޮތް ރަށްރަށަކީ، ދ. ކުޑަހުވަދޫ، ރ. އުގޫފާރު، ދ. މީދޫ، ކ. ހުރާ، ކ. ދިއްފުށި، ޅ. ނައިފަރު، ޅ.ކުރެންދޫ، ރ. މަޑުއްވަރި، ރ. ހުޅުދުއްފާރު، ޅ. ފެލިވަރު، ޅ. ހިންނަވަރު، ރ. އަލިފުށި، ގދ. ތިނަދޫ އަދި ޅ. އޮޅުވެލި، ނ. ހުޅުދޫ އާއި ރ މާކުރަތެވެ.