މިއަދަކީ އެމްޑަބްލިޔުއެސްސީގެ ފެނާއި ނަރުދަމާ ހިދުމަތަށް 26 އަހަރު ފުރޭ ދުވަހެވެ.

އެމްޑަބްލިޔުއެސްސީ ވުޖޫދަށް އައިސްފައި ވަނީ، 1995 ވަނަ އަހަރުގެ އޭޕްރީލް މަހުގެ އެއް ވަނަ ދުވަހެވެ.

60 މުވައްޒަފުންނާއެކު، ދުވާލަކު 10،447 ކޮޑި މީޓަރުގެ ފެން، 60،000 މީހުންގެ އާބާދީއަކަށް ފޯރުކޮށްދިނުމަށް ފެށި ކުންފުނިން މިހާރު ދަނީ 900 މުވައްޒަފުންނާއެކު، ދުވާލަކު 43،300 ކޮޑި މީޓަރުގެ ފެން އުފެއްދުމުގެ ގާބިލްކަން ހޯދައި، ދިވެހިރާއްޖެގެ އާބާދީގެ 50 އިންސައްތަ ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދެމުންނެވެ.

ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ހިދުމަތް ދިނުމަށްޓަކައި އެމްޑަބްލިޔުއެސްސީ އިން ދަނީ ތަފާތު އެކި އެކި މަސައްކަތްތައް ކުރަމުންނެވެ. މިގޮތުން މިކުންފުނީގެ 2 އޮޕަރޭޝަން ސެންޓަރެއްގައި ދަނީ އިއާދަ ކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓް އުފައްދަމުންނެވެ.

ކުރެންދޫ ނަރުދަމާ ނިޒާމް ކޮމިޝަންކުރުމުގެ މަސައްކަތް ފަށައިގެން ކުރިއަށްދަނީ / ފޮޓޯ: އެމްޑަބްލިޔުއެސްސީ

26 އަހަރު ކުންފުންޏަށް ފުރިގެންދާއިރު 2021 ވަނަ އަހަރު އެ ކުންފުނިން އަންނަނީ 34 ރަށެއްގައި ފެނާއި ނަރުދަމާގެ މަޝްރޫއު ބާރު ސްޕީޑްގައި ކުރިއަށް ގެންދަމުންނެވެ. އެގޮތުން ބައެއް ރަށްތަކުގައި އަމަލީ މަސައްކަތް ފެށިފައިވާއިރު ދެން ހުރި ރަށްރަށުގައި އަމަލީ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް އަންނަނީ ވަމުންނެވެ.

2020 ވަނަ އަހަރަކީ މުޅި ދުނިޔެއަށް ނުރައްކާތެރި ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރިފައިވާ އަހަރެއް ނަމަވެސް އެ ކުންފުނިން ފޯރުކޮށްދެމުން އަންނަ ހިދުމަތްތަކަށް އެއްވެސް ބުރޫއެއް އެރިއަ ނުދީ އަންނަނީ ރައްޔިތުންނަށް ފޯރުކޮށްދެމުންނެވެ.

އެމްޑަބްލިއުއެސްސީ ބިލްޑިން / ފޮޓޯ: ސޯޝަލް މީޑިއާ

ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި ސަރުކާރުން ކުރަމުންގެދާ މަސައްކަތްތަކަށްވެސް އެ ކުންފުނިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން ކޮވިޑް ފެސިލިޓީތައް ބިނާކުރުމަށްޓަކައި މިކުންފުނީގެ ސީއެސްއާރު ދަށުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. މީގެ އިތުރުން ސީއެސްއާރުގެ ދަށުން ތައުލީމާއި ސިއްހީ އަދި އިޖުތިމާއި ކުޅިވަރުގެ ދާއިރާއިންވެސް އެކުންފުނިން އެކި އެކި ޖަމިއްޔާތަކަށާއި ކައުންސިލުތަކަށާއި ސްކޫލުތަކަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

އެމްޑަބްލިޔުއެސްސީ ގެ 26 ވަނަ އަހަރު ފާހަގަކުރުމުގެ ގޮތުން، މިއަދު ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު ވަނީ ހުރިހާ މުވައްޒަފުންނާ ވާޗުއްލަކޮށް ބައްދަަލުކުރައްވައި މުހާތަބު ކުރައްވާފައެވެ. އޭގެ އިތުރުން 26 އަހަރު ރަމްޒު ކުރުމުގެ ގޮތުން، "ދުވުމުން 26" ގެ ނަމުގައި ކުންފުނީގެ އެކި ފަންތީގެ މުވައްޒަފުން ވަނީ "ވާރޗުއަލް ރަން" އެއްވެސް ދުވެފައެވެ.

އެމްޑަބްލިޔުއެސްސީ ގެ އަމާޒަކީ ދެމެހެއްޓެނެވި ގޮތެއްގައި ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަ ކަމާއި އެކު ކުންފުނީގެ ހިދުމަތްތައް ފޯރުކޮށްދިނުމެވެ.