މިއަހަރުގެ ރޯދަ މަހުގެ އިނާޔަތުގެ ފައިސާ މުވައްޒަފުންނަށް ދޭން ހަމަޖެހިފައި ވަނީ މި މަހުގެ އަށްވަނަ ދުވަހު ކަމަށް ފިނޭންސް މިނިސްޓްރީ އިން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ބުނީ ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން ވަޒީފާ އަދާކުރާ ކޮންމެ މުސްލިމު މުވައްޒަފަކަށް ރޯދަ މަހުގެ އިނާޔަތުގެ ގޮތުގައި 3،000 ރުފިޔާ ދޭން ޖެހޭ ކަމަށެވެ.

އޭގެ އިތުރުން މުސާރަ ލިބޭގޮތަށް އެއް ވަޒީފާއަށް ވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް އިނާޔަތުގެ ފައިސާ ދޭ އިރު، ހަމައެކަނި އެ މުވައްޒަފެއްގެ އަސާސީ ވަޒީފާ އޮންނަ އޮފީހަކުން އިނާޔަތުގެ ފައިސާ ދިނުމަށާއި އަދި އިތުރު ވަޒީފާ އަދާކުރާ އޮފީހަކުން އިނާޔަތުގެ ފައިސާ ނުދިނުމަށް އެ ސާކިއުލާގައި ބުނެއެވެ.

ހަމައެހެންމެ އިނާޔަތުގެ ފައިސާ ދީފައިވާ މުވައްޒަފަކު، ރޯދަ މަހުގެ ތިންބައިކުޅަ އެއްބައި ފާއިތުނުވަނީސް ވަޒީފާއިން ވަކިވެއްޖެނަމަ، ވަކިވި ދުވަހާ ހަމައަށްވާ ފައިސާ ފިޔަވައި އިތުރުވާ ފައިސާ އެމުވައްޒަފެއްގެ އަތުން ހޯދާ، އެ ފައިސާ އަނބުރާ ޖަމާކުރަން ޖެހޭ ކަމަށް ވެސް އެ ސާކިއުލާގައި ބުނެފައިވެއެވެ.

އެ ސާކިއުލާގައި އިތުރަށް ބުނީ ރޯދަ މަހުގެ ތެރޭގައި އަލަށް ވަޒީފާ ދޭ މުވައްޒަފުންނަށް އެ މުވައްޒަފަކު ވަޒީފާއަދާކުރަން ފަށާ ދުވަހުން ފެށިގެން ރަސްމީ ހަތް ދުވަހުގެ ތެރޭގައި ރޯދަ މަހުގެ އިނާޔަތުގެ ފައިސާ ދޭން ޖެހޭނެ ކަމަށާއި އެ ގޮތަށް ފައިސާ ދިނުމުގައި ދުވާލަކަށް ޖެހޭ އަދަދު ބަލާނީ 30 އިން ގެއްލައިގެން ކަމަށެވެ.

ރޯދަ މަހުގެ ތެރޭގައި ވަޒީފާއިން ވަކިވުމަށް ހަމަޖެހިފައިވާ މުވައްޒަފުންނަށް އިނާޔަތު ގެފައިސާ ދޭނީ ރޯދަ މަހުގައި އެމީހަކު މަސައްކަތްކުރި ދުވަހަށް ކަމަށް ވެސް ސާކިއުލާގައި ބުނެއެވެ.

އޭގެ އިތުރުން ރޯދަ މަސް ފެށޭއިރު އޮފީހަށް ހިދުމަތް ނުލިބޭ ގޮތަށް، "ޕޭ ލީވް" ސްކޮލާޝިޕް މުވައްޒަފުން އަދި "ނޯ ޕޭ ލީވް" ގައި ތިބޭ މުވައްޒަފުންނަށް އިނާޔަތުގެ ފައިސާ ހަމަޖައްސާ ނުދިނުމަށް ނިންމާފައިވާ އެފަދަ "ލީވް" އެއްގައި ހުންނަ މުވައްޒަފަކު ރޯދަ މަހުގެ ތެރޭގައި އެނބުރި ހިދުމަތަށް ނުކުމެއްޖެ ނަމަ އެދުވަހަކުން ފެށިގެން ރޯދަ މަހުގެ ނިޔަލަށް ޖެހޭ އަދަދެއް ބަލާ، އެ އަދަދަށް އިނާޔަތުގެ ފައިސާ ދޭން ޖެހޭ ކަމަށް ސާކިއުލާގައި ވަނީ ބުނެފައެވެ.

މިއަދުން ދުވަހުން ފެށިގެން ރޯދަ މަހުގެ އިނާޔަތުގެ ފައިސާގެ ތަފްސީލް ތައްޔާރުކޮށް އިނާޔަތުގެ ފައިސާ ހޯދުމަށް މިނިސްޓްރީއަށް ހުށަހަޅަން މިނިސްޓްރީން ވަނީ އެދިފައެވެ.

އެގޮތުން ދައުލަތުގެ އެކައުންޓިން ސޮފްޓްވެއާ ގެ "އެކައުންޓްސް ޕޭޔަބަލް މޮޑިއުލް" އަދި "އެޗްއާ މޮޑިއުލް" ބޭނުން ކުރާ އޮފީސްތަކުން އިނާޔަތުގެ ފައިސާ އެޕްރީލް 04، 2021 ވަނަ ދުވަހު ގެ ކުރިން ސިސްޓަމަށް އަޕްލޯޑްކޮށް އިނާޔަތުގެ ފައިސާ ޕޯސްޓް ކުރުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.