ކުޑަކުއްޖަކަށް ޖިންސީ އަނިޔާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރި މުހައްމަދު ޖުމައްޔިލް ނިމާލްގެ މައްޗަށް ދައުވާ ކޮށްފިއެވެ.

ޖުމައްޔިލްގެ މައްޗަށް ކުރީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ތިން ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން، ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުމުގެ ދައުވާއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ދައުލަތުން އެމައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ.

ޖުމައްޔިލްގެ ޖިންސީ ގޯނާގެ ޝިކާރައަކަށްވި ކުއްޖާ ވަނީ އެ ވާހަކަތައް ވަރަށް ތަފްސީލުކޮށް ޓްވިޓާގައި ކިޔައިދީފައެވެ. އެގޮތުން އެކަން ހިނގީ 2016 ވަނަ އަހަރުގެ ޑިސެންބަރު ގައި ކަމަށާއި ނަމަވެސް އިއްޔެވީ ކަމެއް ފަދައިން އެ ހިތި ހަނދާންތައް އަދިވެސް ހުރި ކަމަށް އެ ކުއްޖާ ބުނެއެވެ.

އެ ކުއްޖާގެ ޓްވީޓަށް އެތައް ބައެއްގެ ސަމާލުކަން ލިބިގެން ދިޔައިރު ޕްރޮސެކިއުޓާ ޖެނަރަލް ޝަމީމް ވެސް ވަނީ ރިޕްލައި ކޮށްފައެވެ. އެގޮތުން އެކަމާ ހިތާމަ ކުރައްވާ ކަމަށާއި، އެ މައްސަލަ ގޮސްފައިވާ ހިސާބެއް އޮޅުންފިލުވުމަށް ފަހު، ޕީޖީ އޮފީހުގެ ފަރާތުން ކުރެވޭނެ ކަންކަން ބަލައި އެ ކުއްޖާ އަށް އަންގާނެ ކަމަށް އޭރު ޝަމީމް ވިދާޅުވިއެވެ.

މީގެ ކުރިން ވެސް ޖުމައްޔިލްއާ ގުޅޭގޮތުން އެފަދަ ތުހުމަތުތަކެއް ފެންމަތިވިއެވެ. އެކަމަކު މިއީ މިހާ ފާޅުކަން ބޮޑުގޮތެއްގައި، އަނިޔާ ލިބުނު ކުއްޖާ އެ ވާހަކަ ދެއްކި ފުރަތަމަ ފަހަރެވެ.