އަތޮޅުތަކުގައި ކޮވިޑް-19 އަށް ޕޮޒިޓިވް 600 އަށްވުރެއް ގިނަ ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ (އެޗްޕީއޭގެ) ތަފާސްހިސާބުން ދައްކައިފިއެވެ.

އެޗްޕީއޭގެ ތަފާސްހިސާބުން ދައްކާގޮތުގައި ރާއްޖޭގެ އަތޮޅުތެރޭގެ 56 ރަށެއްގައި އެކްޓިވް ކޭސްތައް ހުރި އިރު 15 ރަށެއް މޮނިޓަރިންގައިވެއެވެ.

އެ ރަށްތަކުގައި ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި 647 މީހަކު އެބަތިއްބެވެ. އޭގެތެރޭގައި ހިމެނެނީ 175 ބިދޭސީންނާއި 472 ދިވެހިންނެވެ.

މޮނިޓަރިންގައި މިވަގުތު އޮތް ރަށްރަށަކީ، ދ. ކުޑަހުވަދޫ، ރ. އުގޫފާރު، ދ. މީދޫ، ކ. ހުރާ، ކ. ދިއްފުށި، ޅ. ނައިފަރު، ރ. މަޑުއްވަރި، ރ. ހުޅުދުއްފާރު، ޅ. ފެލިވަރު، ޅ. ހިންނަވަރު، ރ. އަލިފުށި، ގދ. ތިނަދޫ އަދި ޅ. އޮޅުވެލި، ނ. ހުޅުދޫ އާއި ރ މާކުރަތެވެ.

މިފަހަކަށް އައިސް، އަތޮޅުތެރޭގެ ބައެއް ރަށްތަކުން ރެންޑަމް ސާމްޕަލްތައް ޕޮޒިޓިވް ވަމުން ދާ މިންވަރު އިތުރު ވަމުން ދާ ކަން ފާހަގަ ކުރެވެއެވެ. އެގޮތުން، ބައެއް ރަށްރަށުން މީހަކު ޕޮޒިޓިވް ކަން އެނގޭއިރު، ރަށުގައި ބަލި ފެތުރި، ރަށުގެ ގިނަ ބަޔަކަށް ބަލި ޖެހިފައި ވެސް އެބަ ހުއްޓެވެ. ބައެއް ފަހަރު އެ ކޭސްތަކަކީ ކަރަންޓީނު ވާ މީހުންނާ ގުޅުން ހުރި ކޭސްތަކަށް ވެސް ވެއެވެ.

އިއްޔެ ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޖުމްލަ 241 މީހަަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވެއެވެ. ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 73 މީހަކާއި، ހިންގަމުން ދާ ރިސޯޓަކުން 15 މީހަކާއި މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި 74 މީހަކާއި އިންޑަސްޓްރިއަލް ރަށްރަށުން 79 މީހުންނެވެ.

ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 24،079 އަށް އަރާއިރު ކޮވިޑް އެކްޓިވް ކޭސްގެ ގޮތުގައި ޖުމްލަ 2849 މީހަކު އެބަ ތިއްބެވެ، ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު 21،155 އަރާއިރު ކޮވިޑްގައި މަރުވި މީހުންގެ ޖުމްލަ އަދަދު 67 އަށް މިހާރު ވަނީ އަރާފައެވެ.