ކޮވިޑް ބަލިން ރައްކާތެރިވުމަށް ރާއްޖޭގައި ކުރިއަށް ގެންދާ ވެކްސިން ޖެހުމުގެ ކެމްޕޭންގެ ދަށުން ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ދެދުވަސް ފަހުން އާންމުކޮށް ހުޅުވާލައިގެން ޖެހުމަށް ހަމަޖެހިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ، ކޮވިޝީލްޑްގެ ދެވަނަ ޑޯޒް އާންމުކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހު ކަމަށެވެ.

ވެކްސިން ޖަހަންދާއިރު ގެންދަން ޖެހޭ ލިޔުންތަކުގެ ތެރޭގައި ފުރަތަމަ ޑޯޒް ޖެހި ވެކްސިން ކާޑާއި އެމީހެއްގެ އައިޑީ ކާޑު ހިމެނެއެވެ.

ރާއްޖޭގައި ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ޖަހަން ފަށާފައި ވަނީ މިދިޔަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. އެންމެ ފުރަތަމަ ރާއްޖޭގައި ޖަހާފައި ވަނީ ކޮވިޝީލް ޑް ވެކްސިން އެވެ. ރާއްޖޭގެ ކަމާއި ބެހޭ ފަރާތްތަކުން ޗައިނާގެ ސިނޯފާމް ވެކްސިން އަދި އެމެރިކާގެ ފައިޒާ ވެކްސިނަށް މިހާރު އެމަޖެންސީ އެޕްރޫވަލް ދީފައިވާ އިރު މިމަހުގެ 22 އެޗްޕީއޭއިން ވަނީ މާލޭ ސަރަހައްދުގައި ސިނޯފާމްގެ ފުރަތަމަ ޑޯޒް ދޭން ފަށާފައެވެ.

ފެބްރުއަރީ ފުރަތަމަ ދުވަހުން ފެށިގެން ކޮވިޝީލްޑް ވެކްސިން ޖެހި މީހުން 8 ހަފްތާ އާއި 12 ހަފްތާ ދެމެދު އެ ވެކސިންގެ ދެވަނަ ޑޯޒް ޖަހަން ޖެހެއެވެ. ނަމަވެސް ސިނޯފާމް ވެކްސިން ޖަހާ މީހުން އެ ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ޖެހެނީ ފުރަތަމަ ޑޯޒް ޖަހާތާ 4 ހަފްތާ ތެރޭގައެވެ.