ލ. ކައްދޫގައި މޫދަށް އެރި އުޅެނިކޮށް، ރޭ މަރުވި ސިފައިންގެ މީހާ ކޮވިޑް-19އަށް ޕޮޒިޓިވްވެ ވެއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭ އޭނާ މަރުވެގެން ހޮސްޕިޓަލަށް ގެންދިއުމުން ޓެސްޓް ކުރިއިރު ކޮވިޑަށް ވަނީ ޕޮޒިޓިވްވެ ވެފައެވެ.

އެއާއެކު ކައްދޫގައި މަސައްކަތް ކުރާ އިތުރު ސިފައިންތަކެއް ވަނީ ކަރަންޓީނުގައެވެ. އޭގެ ތެރޭގައި ފާރިޝްއާ އެކު މޫދަށް އެރި އުޅުނު ތިން ސިފައިން ހިމެނެއެވެ.

ރޭ މަރުވެފައި ވަނީ ލ. މާބައިދޫ، ޑައިމަންޑްވިލާ، ލާންސް ކޯޕަރަލް ހުސައިން ފާރިޝްއެވެ. ފާރިޝް ގެއްލުނީ ލ.ކައްދޫގެ އިރުމަތީ ފަރާތު މޫދަށް، އިތުރު 3 ސިފައިންގެ މީހުންނާއެކު ފޭބިފަހުންނެވެ. އެމީހުން މޫދަށް ދިޔައީ އޮފް ޑިއުޓީ ވަގުތެއްގައިކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މޫދަށް ފޭބި 4 ސިފައިންގެ މީހުންގެ ތެރެއިން އިތުރު މީހަކު ގެނބިގެން ހޮސްޕިޓަލުގައި ފަރުވާ ދީފައިވެއެވެ.

ފާރިޝް ސިފައިންގެ ހިދުމަތާއި ގުޅިފައިވަނީ 11 އޮކްޓޫބަރު 2016ގައެވެ. އޭނާ މަސައްކަތް ކުރަމުންއައީ އެމްއެންޑީއެފް މެރިން ޑިޕްލޮއިމަންޓް ޔުނިޓް 1 ގައެވެ. ސިފައިންގެ ހިދުމަތުގައި ޖުމުލަ 4 އަހަރާއި 5 މަހާއި 19 ދުވަސް އޭނާވަނީ ހޭދަކޮށްފައެވެ.

މޫދަށް އެރިއުޅެނިކޮށް އޮޔާ ދަމައިގަނެ މަރުވި ޙުސައިން ފާރިޝަނީ ސިފައިން އަސާސީ ތަމްރީނުގެ އިތުރުން އެމްއެންޑީއެފް އިން ހިންގި ރެސްކިއު ސްވިމިންގް ކޯހުގެ ގޯލްޑް ލެވެލާއި މެރިންކޯ ބޭސިކް ކޯހާއި ކައުންޓާ ޓެރަރިޒަމް ކްލޯސް ކުއާޓާ ބެޓަލް ކޯސް ފުރިހަމަކޮށްފައިވާ ސިފައިންގެ މީހެކެވެ. މަރުވިއިރު އޭނާ ގެންދިޔައީ އެމްއެންޑީއެފް ސެންޓަރަލް އޭރިއާ ލ. ކައްދޫގައި 3 ހަފުތާގެ އަސްކަރީ ތަމްރީން ކޯހެއް ފުރިހަމަ ކުރަމުންނެވެ.