ބްރޯޑްކާސްޓިން ކޮމިޝަންގެ (ބްރޯޑްކޮމް) މެންބަރު ކަމަށް އައްޔަން ކުރާނެ ފަރާތެއް ކަނޑައެޅުމަށްޓަކައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ނަންތަކުގެ ތެރޭގައި މަޝްހޫރު ޕްރެޒެންޓަރު ޝިފްލާ އިބްރާހިމްގެ ނަން އަނެއްކާވެސް ހިމަނުއްވައިފިއެވެ.

ބްރޯޑްކޮމްއަށް އައްޔަން ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވި ނަންތައް މިއަދު މަޖިލީހުގެ ތަޅުމުގައި ވަނީ އިއްވައިފައެވެ.

މިއީ ބްރޯޑްކޮމްގެ މެންބަރު ކަމަށް އައްޔަން ކުރަން ޝިފްލާގެ ނަން ރައީސް ފޮނުއްވި ތިން ވަަނަ ފަަހަރެވެ. ނަމަވެސް ކޮންމެ ފަހަރަކު ވެސް ޝިފްލާއަށް މަޖިލީހުގެ ތެރެއިން ތާއީދެއް ނުލިބި ދަނީއެވެ.

ރައީސް ފޮނުއްވި ނަންތަކުގެ ލިސްޓުގައި ބްރޯޑްކޮމް ގެ މެންބަރު ކަމުގެ މަގާމަށް ތިން މީހެއް ނަން ވަނީ ހުށަހަޅާފައެވެ. މިފަހަރު ޝިފްލާގެ ނަން އޮތީ ދެވަނައިގައެވެ. އާންމުކޮށް ނަން ފޮނުވާއިރު މަޖިލީހުން ބޮޑަށް އިސްކަން ދެނީ ނަން ތަރުތީބުންނެވެެ.

ރައީސް ފޮނުއްވި ނަންތަކުގެ ލިސްޓުގެ ކުރީގައި އޮތީ މ. ވެންކޫވާ، ފާތުމަތު ސައުޝަން އެވެ. އަދި ލިސްޓުގެ ތިންވަނައިގައި އޮތީ އދ. މާމިގިލި/ ޖަވާހިރު އައްސޭރި، ޑރ. މުހައްމަދު އިބްރާހިމެވެ.

ބްރޯޑްކޮމްގައި ހަތް މެމްބަރުން ތިބެންޖެހެއެވެ. އެކޮމިޝަންގައި މިވަގުތު ހިމެނެނީ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ އާއި، ނައިބު ރައީސް އަޙްމަދު ގައިސް އާއި، މެންބަރު މުހައްމަދު ފަޒީން އާއި، މެންބަރު އާމިނަތު ސަރާޙަތު އިއްޒަތު އާއި، މެންބަރު އަމްޖަދު ވަހީދު އާއި، މެންބަރު އަލީ ޔޫސުފް އަދި މެންބަރު އާމިނަތު އަމީނާއެވެ.