ފެށޭ ހަފްތާ ނިމޭއިރު އޮންނަ ކައުންސިލް އިންތިހާބަށް އެންމެންގެ ލޯތައް އަމާޒު ވެފައި ވާއިރު، އެ އިންތިހާބުގެ "ރަން ގޮނޑި" ކާމިޔާބު ކުރާނެ ފަރާތެއްގެ ބަހުސަކީ މިހާރު އެންމެ ހޫނު ގަދަ ބަހުސެވެ.

އެ ގޮނޑިއަށް އިދިކޮޅު ޕީޕީއެމުން ވާދަ ކުރައްވަނީ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ. އޭނާ މިހާރު ވަނީ ވެބްސައިޓާއި، ވައިބާ ސްޓިކާސެޓާއި ލަވަ ލޯންޗް ކުރައްވާފައެވެ.

އެ ގޮނޑިއަށް އަނެއް ކޮޅުން ވާދަ ކުރައްވަނީ އެމްޑީޕީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރެވެ. އޭނާވެސް ގެންދަވަނީ ބާރަށް ކެމްޕޭން ކުރައްވަމުންނެވެ.

މާލޭ މޭޔަރުގެ ގޮނޑި ރަން ގޮނޑިއަކަށް ވަނީ ކީއްވެ؟

މާލޭ ސިިޓީ އަކީ އެންމެ ހަލަބޮޑި ސިޓީއަށް ވުމުގެ އިތުރުން، މާލެ ސިޓީއަކީ އިގްތިސޯދީ މައި މަރުކަޒުވެސް މެއެވެ. އަދި ސިޔާސީ ހުރިހާ ސައްލާއެއްވެސް ހިންގާ ސިޓީއަށް ވުމުގެ އިތުރުން މޭޔަރު ކަމުގެ ގޮނޑިއަށް ވާދަ ކުރައްވާ ބޭފުޅުންގެ ސަބަބުން އެ ގޮނޑީގެ މުހިންމުކަން ބޮޑު ވެއެވެ. އެ ގޮނޑިއަށް ޕީޕީއެމްގެ ފަރާތުން ކުރީގެ ހައުސިން މިނިސްޓަރު ވާދަ ކުރެއްވުމަކީ އެ ގޮނޑިއާ މެދު ސަމާލުކަން ބޮޑުވި އެއް ސަބަބެވެ. އެ ގޮނޑީގެ މުހިންމުކަން އެއަށް ވުރެ ބޮޑުވި އަނެއް ސަބަބަކީ، އެ ގޮނޑިއަށް އެމްޑީޕީން ވާދަ ކުރައްވާ ކެންޑިޑޭޓާއެކު އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ނިކުމެ ވަޑައިގަތުމެމެވެ.

އެ ގޮނޑި މުއިއްޒު ކާމިޔާބު ކުރައްވައިފި ނަމަ އެއީ އެމްޑީޕީއަށާއި ރައީސް ނަޝީދާއި ސަރުކާރަށް، މީން ޒަމާނެއްގައި ނުލިބޭނެ ފަދަ ބޮޑު ލަދެއް ލިބޭނެ ސަބަބަކަށް ވާއިރު، އެ ގޮނޑި އެމްޑީޕީން ނަގައިފި ނަމަ، އެއީ، ރައީސް ނަޝީދުގެ ކުރިފުޅު މައްޗަށް އެހެން ބޭފުޅަކަށް ހުއްޓި ވަޑައިގަތުމަށް އޮތް ދޮރު ބަންދުވާނެ ސަބަބަކަށްވެސް ވާނެއެވެ.

އެ ގޮނޑި މުއިއްޒު ކާމިޔާބު ކުރައްވައިފި ނަމަ، ސާފުވާނެ އެއް ކަމަކީ، މާލޭގައި އެމްޑީޕީއާއި އެ ޕާޓީގެ ވެރިންނާއި ސަރުކާރަށް ތާއީދު ނެތް ކަމެވެ. އަދި ވަކިން ހާއްސަ ކޮށް ރައީސް ނަޝީދަށް އޮތް ތާއީދު ނެތް ކަމެވެ.

މުއިއްޒާއި އަނަސް

ޑރ. މުއިއްޒުގެ މިނިސްޓަރު ކަމުގައި ހައުސިން މިނިސްޓްރީން ކޮށްފައި ހުރި އެކިއެކި ކަންކަމުގެ ވާހަކަތަކުގެ ލިސްޓުތައް މިހާރުވެސް އެކިއެކި ނޫސްތަކާއި ސޯޝަލްމީޑިއާގައި ދަނީ ދައުރުވަމުންނެވެ.

ރައީސް ޔާމީނުގެ ވެރިކަން ނިމި، މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާ ކުރެއްވުމަށް 3 ދުވަހަށް ވެފައި ވަނިކޮށް، ރައްޔިތިންގެ ތެރެއިން ގިނަ ބަޔަކު ހައުސިން މިނިސްޓްރީ ދޮށަށް ގެންގޮސް، ބޯހިޔާވަހިކަން ދޭން ބުނެ 1 ރޭ 1 ދުވާ ވާންދެން ނިދިޔަ ނުދީ ކިއު ޖެއްސުވުމާއި، އަދި ޖެހިގެން އައި ދުވަހު، އެޗްޑީސީއަށް ދިޔައިމާ ފްލެޓް ދިނުމުގެ ކަންކަން ހަމަޖެހޭނެއޭ ބުނެ، އެމީހުންނަށް ޓޯކަން މެޝިނަކުން ނަންބަރުތަކެއް ހަދާ އޭގައި އެ މިނިސްޓްރީގެ ސްޓޭމްޕް ޖަހާފައި ފޮނުވުމާއި، އަދި ޔާމީންގެ ކެމްޕޭން ދުވަސް ވަރު މާ ކަނޑުން ގޯތި ކަނޑާފައި ދޭން އުޅުމާއި މުއިއްޒުގެ މިނިސްޓަރު ކަމުގައި އިއުލާނު ކުރި ފްލެޓް ލިސްޓްތަކުގައި އެއް އާއިލާއެއްގެ އެތައް ބަޔަކު ހިމެނުމާއި، ފްލެޓް ފޯމުތަކުގެ ތެރެއިން މައުލޫމާތު ފުރިހަމަ ނުވާ ފޯމުތަކަށް ވެސް ފްލެޓް ދިނުން ފަދަ ބޮޑެތި އެތައް މައްސަލަތަކެއް މުއިއްޒާ ގުޅުވައިގެން އަންނަނީ ފާހަގަ ކުރަމުންނެވެ. އަދި ސީދާ މިނިސްޓަރުގެ ލިސްޓަކަށް ފްލެޓް ދިން ކަމަށާއި، ނުފޫޒުގެ ތެރެއިން އެތައް ކަމެއް ހިންގެވި ކަމުގެ ވާހަކަތައް އެހުރީ ފެންނާށެވެ.

"ހެޔޮ ނުވާނެ ތި މުއިއްޒާ ކައިރި ވާކަށް، އެހެރީ، ހުޅުމާލެގަ އަމީން އެވެނިއު ކައިރިން ދާއިރު ހުންނަ ބްލޮކް. މުޅިން މިނިސްޓަރު ލިސްޓަށް ދީފަ ހުރި ފްލެޓް، މަ ހުރިން އެރޭ ކިއު ހިނގަމުން ދިޔަ އިރު. އާއިލާގެ އެންމެން ގޮވައިގެން ގޮސް ތިބީ މީހުން، އެއީ އެހާ ގިނަ އިރު ތިބެން ޖެހޭތީ، ކިއު ފުރިއްޖެ އެރޭ ދަންވަރު 12 ޖެހި އިރު، ފޯމް ބަލައިގަތުމާ ނަންބަރު ދޫކުރުން އޮތީ އަނެއް ދުވަހުގެ ހެނދުނު. މީހަކަށް ދެނީ އެންމެ ނަންބަރެއް. ދެން އެކަކު ބަލި ވީމާ އަނެކަކު ކިއުއަށް އަރަމުން ދެކަމު ހާޖަތަށްވެސް ނުގޮސް އެތާ ތިބީ. ޖެހިގެން އައި ދުވަހު މީހުންގަނޑު އަރައިގަތީމައި ދިނީ ޓޯކަން މެޝިނުން އެނަގާ ކިއު ނަންބަރު. އޭގާ މިނިސްޓްރީ ތައްގަނޑު ޖަހާފަ ބުނީ ދާށޯ އެޗްޑީސީއަށް އޭރުން ހަމަ ޖެހޭނޯ."
ހައުސިން މިނިސްޓްރީގައި ކުރިން އުޅުނު މުވައްޒަފެއް

އެ ދުވަހު އެޗްޑީސީ ދޮށަށް ވެސް އެތައް ބަޔަކު އެއްވިއެވެ. އަދި އިހުތިޖާޖުތައް ހިނގާ އެކަން މައިތިރި ކުރަން ފުލުހުންވެސް ނުކުތެވެ.

މުއިއްޒާ ގުޅޭ ގޮތުން މާލޭގެ ނަން ހިނގާ ބައެއް އެހެން ބޭފުޅުންވެސް ވާހަކަ ދައްކަވާފައި އެބަ ހުއްޓެވެ. އެގޮތުން، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކާއި، މާލެ ސިޓީގެ ފުރަތަމަ މޭޔަރު ސަރަނގު އާދަމް މަނިކު ވިދާޅުވެފައި ވަނީ މުއިއްޒު ހޮވައިގެން ފެންނާނެ އާ ކަމެއް ނެތް ކަމަށާއި، އާ ވިސްނުމެއްވެސް ނެތް ކަމަށެވެ.

މުއިއްޒުގެ މިނިސްޓަރު ކަމުގެ ދައުރުގައި މާލޭގެ ދެކުނު ފަރާތުން ނެރެއް ކެނޑުމާއި ހުޅަނގު ދެކުނު ކޮޅުން ބައެއް ހިއްކުމާއި މާލޭގައި ޕާކުތަކެއް ހެދިއެވެ. ބައެއް މަސައްކަތް ގާތް ރައްޓެހިންނާއި މިނިސްޓްރީގައި އޭރު އުޅުނު ބައެއް ސްޓާފުން ނަގައިގެން ކުރިއެވެ. އޭގެ އިތުރުން މުއިއްޒު އޭރު މަޝްހޫރު ވީ "ހޮޅި މުއިއްޒު" ގެ ގޮތުގައެވެ. އެއީ މާލޭގެ ހުރިހާ މަގެއްގައި ހެން އެސްލޯނު ހޮޅި އަޅާފައި އޮވެގެން ހަރުވި ނަމެކެވެ.

ރީކޯ މޫސައާއި ސަރަނގު ވިދާޅުވާ ފަދައިން މުއިއްޒުއަށް ލިބިވަޑައިގެންނެވި 7 އަހަރުގެ ދައުރުގައި މާލޭގައި ޕާކުތަކެއް ހެދުން ފިޔަވާ ދެން އޮތީ ހުސް ހޮޅިއެވެ. މުއިއްޒުގެ ކެމްޕޭނު މެނިފެސްޓޯގައި ވެސް ހުރީ ޕާކުތަކާއި މައިޒާންތައް ހެދުމާއި ޗާލު މާލެ ސިޓީއާއި ރައްޔިތުން އެދޭ އަމާޒު ފަދަ ސްލޯގަންތަކެވެ.

މާލޭ މޭޔަރު ކަމަށް އެމްޑީޕީން ވާދަ ކުރައްވާ އަނަސް އަކީ، ސިޔާސީ އެފަދަ މަގާމަކަށް މުޅިން އާ މޫނެކެވެ. އެމްޑީޕީގެ އިސް މަގާމެއްގައި ހުންނެވި ނަމަވެސް މިނިސްޓަރު ފެންވަރުގެ މަގާމެއް ފުރުއްވާފައި ނެތުމަކީ، އާ ވިސްނުންތަކާއެކު ޒުވާން ޖޯޝުގައި ކަންކަން ކުރައްވަން ލިބޭ ފުރުސަތެކެވެ. އަނަސްގެ މެނިފެސްޓޯގެ ބައެއް ކަންކަމަށް ބަލާނަމަ އާ ހިޔާލުތައް އެބަ ހުއްޓެވެ. މާލޭގައި ނޭބާހްޑް ވޮޗެއް ހެދުން ފަދަ، މާލޭގެ ލޭންޑް ޔޫސް ޕްލޭނަށް މާލޭގެ ރައްޔިތުންގެ ހިޔާލު އަޑުއަހަން ޓައުން ހޯލެއް ހެދުން ފަދަ، މާލޭ، ހުޅުމާލެ އަދި ވިލިމާލޭގެ ބާރުވެރިކަން މާލެ ސިޓީ ކައުންސިލަށް ނެގުން ފަދަ އާ ކަންކަމެވެ.

މާލެ ސިޓީގެ މޭޔަރާއި މެނިފެސްޓޯ

މާލެ ސިޓީގެ މޭޔަރު ކަމަށް ކުރިމަތި ލައްވާފައި ވާ ދެ ބޭފުޅުން ކުރެ އެކެއްގެ މެނިފެސްޓޯގައިވެސް މާ ފާހަގަ ކޮށްލެވޭ މުހިންމު ސިޔާސަތެއް ނެތެވެ.

މާލެ އަކީ ތޮއްޖެހި ފުރި ބާރުވެފައި އޮތް ތަނަކަށް ވާއިރު ބައި މަދުކުރަން، ކުރާނެ ކަމަކާއި، މާލޭގެ ފަޅުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށްޓަކައި ކުރާނެ ކަމަކާއި، އުޅނަދުތައް ތަރުތީބު ކުރާނެ ގޮތެއް ނެތެވެ. މާލޭގެ ޓްރެފިކް ހައްލު ކުރުމަށްޓަކައި، ގެންގުޅޭނެ ސިޔާސަތެއް ނުވަތަ އާ ހިޔާލެއްވެސް ނެތެވެ. މީގެ އިތުރުން މާލޭގައި އޮތް ކުށުގެ ވެށި ނައްތާލުމަށް ކުރާނެ ކަމެއްވެސް އަމުދުން ނެތެވެ. އިޖުތިމާއީ ފޭރާން ރަނގަޅު ކޮށް، އަމާން މާލެ އެއް ހޯދައި ދިނުމާއެކު، ތަފާތު އެކިއެކި ދާއިރާތަކުން ދޭ ހިދުމަތްތައް އަވަސް ކޮށް ފުރިހަމަ ކުރާނެ ގޮތްތަކެއްވެސް ނެތެވެ. އަމުދުން އެހެން މިހެން އުޅޭ ބިދޭސީންގެ ކަންކަން ހައްލު ކުރާނެ ފޯމިއުލާއެއްވެސް ނެތެވެ.

މާލޭގެ މޭޔަރަކީ، މުޅި މާލޭގެ ވެރިމީހައަށް ވާ އިރު، މޭޔަރުގެ ގޮނޑިއަށް ވަޑައިގަންނަވާ ބޭފުޅުންގެ ތަފާތު ތަސައްވުރެއް އޮންނަން ޖެހޭ ކަމަށް ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

"ހޮވޭނީ މުއިއްޒު، މަށެއް ވޯޓެއް ނުދޭނަށް އެމްޑީޕީ މީހަކަށް، މަ އެމްޑީޕީ، މެންބަރެއް މީ، އެކަމަކު ނުދޭނަން ވޯޓެއް"
އެމްޑީޕީ އެކްޓިވިސްޓެއް

މާލޭގެ މޭޔަރަކަށް ހޮވޭނީ ކާކުތޯ ބައެއް މީހުންނާ ސުވާލު ކޮށްލުމުން އެއްބަޔަކު ބުނީ މުއިއްޒު ކަމަށެވެ. އޭގެ ތެރޭގައި އެމްޑީޕީގެ އިސް ބައެއް މެންބަރުންނާއި އާންމު މެންބަރުންވެސް ހިމެނެއެވެ. އެމީހުން މުއިއްޒު ހޮވެން ދޫކޮށްލަނީ ކީއްވެތޯ އެހުމުން ބުނީ، ކުރިން ޕީޕީއެމްގެ ވެރިކަން އޮތް އިރު އެމީހުންނަށް ކުރާނެ މަސައްކަތް ލިބި ޖީބަށް ލާނެ ލާރި ލިބުނު ނަމަވެސް، މި ވެރިކަމުގައި އެމީހުން ތިބީ ހުސް އަތާ ކަމަށެވެ. އެއީ އަނަސް ގޯސްވެގެން ނޫން ކަމަށާއި ނަމަވެސް ސަބަބަކީ އާންމުދަނީއެއް ނުލިބުން ކަމަށް ބުންޏެވެ.

ވަކި ޕާޓީއަކަށް ނިސްބަތް ނުވާ މާލޭގެ ބައެއް މީހުން ބުނީ، ރަނގަޅީ މުއިއްޒު ކަމަށެވެ. ސަބަބެއް ކަމަށް އެމީހުން ބުނީ މުއިއްޒުއާއި އަނަސް، އަޅާ ކިޔާއިރު މުއިއްޒު މާ ރަނގަޅު ކަމަށެވެ.

މާލޭ މޭޔަރުގެ ގޮނޑި މުހިންމު ވެ ރަން ވެފައި ވާ މި ދަނޑިވަޅުގައި ވޯޓު ލާން ނުދާން ނިންމައިގެން ތިބި ބަޔަކުވެސް އެބަ ތިއްބެއެވެ. އެމީހުންގެ ތެރޭގައި ގިނައީ އެމްޑީޕީގެ މެންބަރުންނެވެ.

އިންތިހާބުގެ ވަގުތު ކުޑަތައްވެ ހިޔާލުތައް ކަފިކަފި ވެފައި ވީ ނަމަވެސް މާލޭގައި ބައި ހެވީ އެމްޑީޕީގައެވެ. މެންބަރުންވެސް ގިނައެވެ. ކެމްޕޭނު ފޯރިވެސް ގަދައީ އެމްޑީޕީގައެވެ. އެހެންވީމާ މިފަހަރު މާލޭގެ ވެރިޔަކަށް ވާނީ މުއިއްޒުތޯ އަނަސްތޯ ބަލަން ތިބޭށެވެ.