ޗައިނާއިން ރާއްޖެއަށް ހަދިޔާކުރި ސިނޯފާމް ވެކްސިންގެ ދެވަނަ ބެޗް މިރޭ ރާއްޖެ ގެންނާނެއެވެ.

މި ވެކްސިން ރާއްޖެ ގެންނާނީ މިރޭ މޯލްޑިވިއަންގެ ބޯޓެއްގައެވެ.

ޗައިނާ އިން ވަނީ ރާއްޖެއަށް ދެ ލައްކަ ޑޯޒްގެ ސިނޯފާމް ވެކްސިން ހަދިޔާ ކޮށްފައި ވާއިރު ފުރަތަމަ ބެޗު ރާއްޖެ ގެނައުމުގެ ކުރިން ވެކްސިން ޖެހުމުގެ ހުއްދަ ހުއްދަ މި މަހުގެ 14 ވަނަ ދުވަހު ވަނީ ދީފައެވެ. އެ ވެކްސިން ރާއްޖޭގައި ދޭން ފެށީ މިމަހުގެ 22 ވަނަ ދުވަހެވެ.

ޗައިނާ ސަރުކާރުން ރާއްޖެއަށް ދޭ 2 ލައްކަ ޑޯޒްގެ ވެކްސިންގެ އިތުރުން، ހެޔޮ އެދޭ ފަރާތަކުން ވަނީ ރާއްޖެއަށް 5000 ޑޯޒްގެ ސިނޯފާމް ވެކްސިން ހަދިޔާ ކޮށްފައެވެ. އެއީ ކޮން ފަރާތެއް ކަމެއް ސަރުކާރުން މިހާތަނަށް ހާމަ ކޮށްފައެއް ނުވެއެވެ.

އިންޑިއާއިން ހަދިޔާ ކުރި ކޮވިޝީލްޑާއި ޗައިނާގެ ސިނޯޕާމް ވެކްސިން ރާއްޖޭގައި ދެމުން ދާ އިރު އިއްޔެގެ ނިޔަލަށް 233،875 މީހުން ރާއްޖޭގައި ވަނީ ވެކްސިން ޖަހައިފައެވެ.

ޗައިނާގެ ބެއިޖިންގެ ބައޯ އިންސްޓިޓިއުޓް އޮފް ބައޮލޮޖިކަލް ޕްރޮޑަކްޓްސް ކޮމްޕެނީ ލިމިޓެޑުން އުފައްދާފައި ވާ ސިނޯފާމް ވެކްސިނަށް 20 އަށް ވުރެ ގިނަ ގައުމުން ވަނީ ހުއްދަ ދީފައެވެ. ސިނޯފާމް ވެކްސިން ޖެހުމުގެ ހުއްދަ ނުލިބޭ ގްރޫޕްތަކެއް ވެއެވެ. އެއީ އުމުރުން 18 އަހަރު ނުފުރޭ ކުޑަކުދިންނާއި، ކޮވިޑް-19 އަށް މިވަގުތު ޕޮޒިޓިވް ވެފައިވާ މީހުންނާއި، މާބަނޑު މީހުންގެ އިތުރުން ދިފާއީ ނިޒާމް ދަށް ކުރާ ބަލިތައް ހުންނަ މީހުންނާއި އެފަދަ ބޭހެއް ބޭނުން ކުރާ މީހުންނެވެ.