ކޮވިޑް-19ގެ ޕޮޒިޓިވް ކޭސްތައް ގިނަ ކ. ހުރާ އިން ޕޮޒިޓިވް ވި މީހުންގެ އަދަދު 90 އިން މައްޗަށް އަރައިފިއެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއިއޯސީ) އިން ބުނީ މިއަދު އިތުރު 24 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށާއި އެއާއެކު ކޮވިޑަށް ޕޮޒިޓިވް ވި މީހުންގެ އަދަދު 96 އަށް އަރާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 77 ދިވެހިންނާއި 19 ބިދޭސީއެކެވެ.

މިހާތަނަށް އެ ރަށުން 449 މީހެއްގެ ސާމްޕަލް ވަނީ ނަގާފައެވެ. އަދި 289 މީހެއްގެ ސާމްޕަލް ވަނީ ނެގެޓިވް ވެފައެވެ. ނަތީޖާ ނުލިބޭ 70 ސާމްޕަލެއް ވެއެވެ. އެހެން ކަމުން ހުރާގެ ޕޮޒިޓިވް ނަންބަރު މައްޗަށް ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

މިފަހަކަށް އައިސް، އަތޮޅުތެރޭގެ ބައެއް ރަށްތަކުން ރެންޑަމް ސާމްޕަލްތައް ޕޮޒިޓިވް ވަމުން ދާ މިންވަރު އިތުރު ވަމުން ދާ ކަން ފާހަގަ ކުރެވެއެވެ. އެގޮތުން، ބައެއް ރަށްރަށުން މީހަކު ޕޮޒިޓިވް ކަން އެނގޭއިރު، ރަށުގައި ބަލި ފެތުރި، ރަށުގެ ގިނަ ބަޔަކަށް ބަލި ޖެހިފައި ވެސް އެބަ ހުއްޓެވެ. ބައެއް ފަހަރު އެ ކޭސްތަކަކީ ކަރަންޓީނު ވާ މީހުންނާ ގުޅުން ހުރި ކޭސްތަކަށް ވެސް ވެއެވެ.

އަތޮޅުތެރޭގައި ޕޮޒިޓިވް ކޭސް އެންމެ ގިނައީ ހުރާގައެވެ. މީގެ އިތުރުން ފެލިވަރުގައި ޖުމްލަ 71 ކޭސް ފެނިފައި ވާއިރު ނައިފަރުން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 30 އަށް އަރާފައެވެ.