ޅ. ނައިފަރުން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 30 އަށް އަރާފައިވާ ކަމަށް ހެލްތް އިމްޖެންސީ އްޕަރޭޝަން ސެންޓްރު (އެޗްއީއޯސީ) އިން ބުނެފިއެވެ.

އެޗްއީއޯސީން ބުނީ މިއަދު ޕޮޒިޓިވްވި 17 މީހުންނާއެކު ނައިފަރުން ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 30 އަށް އަރާފައެވެ. ޕޮޒިޓިވް ކޭސްތަކާ ގުޅިގެން ނައިފަރު އޮތީ މޮނިޓަރިންގެ ހާލަތުގައެވެ.

ނައިފަރުން ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރު ވެފައި ވާއިރު، އެ އަތޮޅު ފެލިވަރުން 71 މީހަކު ޕޮޒިޓިވް ވެފައި ވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 26 ދިވެހިންނާއި 45 ބިދޭސީއެކެވެ. މީގެ އިތުރުން ފެލިވަރު އެ ކްލަސްޓާއާ ގުޅުންހުރި މީހަކު ޅ. އޮޅުވެލިފުށިން ފެނި އެ ރަށްވެސް މިހާރު ވަނީ މޮނީޓަރިން ހާލަތަށް ގެނެސްފައެވެ.

ނައިފަރު ފުރަތަމަ ޕޮޒިޓިވްވީ ރ. އުނގޫފާރު ހޮސްޕިޓަލަށް ހިދުމަތް ހޯދަން ދިޔަ މީހެކެވެ. އެއީ މި މަހުގެ 21 ވަނަ ދުވަހެވެ. އެ ދުވަހު ދެ މީހަކު ޕޮޒިޓިވްވިއެވެ. އޭގެ ފަހުން 23 ވަނަ ދުވަހު މީހަކާއެކު25 ވަނަ ދުވަހު 10 މީހަކު ޕޮޒިޓިވް ވިއެވެ. 26 ވަނަ ދުވަހު 13 މީހަކު ޕޮޒިޓިވް ވެފައި ވާއިރު 27 ވަނަ ދުވަހު ފަސް މީހަކު ޕޮޒިޓިވް ވެފައި ވެއެވެ.

ނައިފަރުން 645 މީހެއްގެ ސާމްޕަލް ނަގާފައިވާއިރު ނަތީޖާ ނުލިބޭ 617 ސާމްޕަލެއް ވެއެވެ. އެހެން ކަމުން ނައިފަރުން ޕޮޒިޓިވް ވާ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ.