ރައްޔިތުންގެ މަޖިލީހުގެ ހަ މެންބަރަކު ދާއިރާއަށް ވަޑައިގެންނެވީ ރަސްމީ މަސައްކަތެއްގައި ތޯ ބަލުމަށް މަޖިލީހުގެ އާންމު ކޮމިޓީގެ މަޝްވަރާއަކަށް ފޮނުވައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ހަ މެންބަރަކު ދާއިރާތަކަށް ވަޑައިގެންނެވި ހައިސިއްޔަތު ބަލަން އާންމު ކޮމެޓީއަށް ފޮނުވާފައި ވާނެ ކަަމަށެވެ. އަދި މަޖިލީހުގެ މެންބަރުން ކެމްޕޭނަށް ނޫނީ ދާއިރާއަށް ވަޑައިގަތުމަކީ މަޖިލީހުގެ ސިޔާސީ މަސައްކަތެއްގެ ގޮތުގައި ސިފަ ކުރައްވާ ކަމަށެވެ.

މިއަދު މަޖިލިސް ފެއްޓެވި އިރު މަޖިލީހަށް ހާޒިރު ވެފައި ވަނީ 27 މެންބަރުންނެވެ. މަޖިލީހަށް 16 މެންބަރުކު ވަޑައިނުގަންނަވާ އިރު އޭގެ ތެރެއިން 6 މެންބަރުން ތިއްބެވީ ދާއިރާގައި ކަމަށާއި 8 މެންބަރަކު ތިއްބެވީ ކަރަންޓީންގައި ކަމަށާއި 2 މެންބަރަކު ސަލާމުގައި ތިއްބެވި ކަމަށް ނަޝީދު ވިދާޅުވިއެވެ.

"ކެމްޕޭންގެ މަސައްކަތަށްޓަކައި ރަށްރަށަށް ވަޑައިގަންނަވާ ވަޑައިގެންނެވުން، ދާއިރާއަށް ވަޑައިގަންނަވާ ވަޑައިގެންނެވުން އެއީ އަޅުގަނޑަށް ފެންނަ ފެނުމުގައި މަޖިލީހުގެ ސިޔާސީ މަސައްކަތެއް. އެ މަސައްކަތަކީ ސީދާ ކޮބައިތޯ ބެލުމަށް އަޅުގަނޑު ވަނީ އާންމު ކޮމިޓީގައި ދަންނަވާފައި"
ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ވާދަ ކުރައްވާ ބައެއް ކެންޑިޑޭޓުންނަށް ކެމްޕޭން ކޮށްދިނުމަށް ވެސް ބައެއް މަޖިލިސް މެންބަރުން ދަނީ އެބޭފުޅުން ނިސްބަތްވާ ދާއިރާތަކަށް ވަޑައިގަންނަވަމުންނެވެ.

އެގޮތުން ރައްޔިތުންގެ ނަޝީދުގެ އިރުޝާދާއެކު، ރައްޔިތުން މަޖިލީހުގެ ތިން މެންބަރުން ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕޭނަށް އަތޮޅުތެރެއަށް ވަޑައިގެންފައިވާ ކަމަށް މީގެ ކުރިން ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި ކެމްޕޭންތަަކަށް ރަށްރަަށަށް ވަޑައިގަންނަވަން ބޭނުންވާ މެންބަރުން އެކަން ސީދާ ރައީސް ނަޝީދަށް ހުށަހެޅުއްވުމަށް ވެސް އެމަނިކުފާނު މީގެ ކުރިން ވަނީ އެދިވަޑައިގެންފައެވެ.

އަންނަ ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 12 ވަނަ ދުވަހުއެވެ.