ދެކުނާއި މެދުރާއްޖެތެރޭގެ ސަރަޙައްދުތަކުގައި ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލު ވުމަށް އިލްތިމާސް ކޮށްފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނީ ރާއްޖޭގެ އެކިހިސާބަށް ގުގުރުމާއިއެކު ވިއްސާރަކުރާނެ ކަމަށާއި އަދި ދެކުނާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.
އެގޮތުން ވައިޖެހޭނީ ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި، މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އުތުރުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު 08 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށް މެޓް އޮފީހުން ބުނެއެވެ.
މެޓް އޮފީހުން ބުނީ ވިލާގަނޑުގައި ގަޑިއަކު 50 މޭލާއި 55 މޭލާގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ. އަދި ކަނޑުތައް ދެކުނާއި މެދުރާއްޖެތެރޭގައި ގަދަވާނެ ކަމަށާއި އުތުރުގައި އާދައިގެެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.
ރާޅުގެ އުސްމިނުގައި ދެކުނާއި މެދުރާއްޖެތެރޭގައި 5 ފޫޓާއި 8 ފުޓް އަދި އުތުރުގައި 2 ފޫޓާއި 5 ފޫޓު ހުންނާނެ ކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ.
މެޓް އޮފީހުން ވަނީ މޫސުން ގޯސްވެ މިއަދު ހެނދުނު 08:00 އިން ހެނދުނު 10:00އަށް ގދ އަތޮޅުން ފ އަތޮޅަށް ޔެލޯ އެލާޓް ވެސް ނެރެފައެވެ. އެގޮތުން އެ ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.