ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް (އެޗްއައިސީޑީޕީ) ސްކީމްގެ ދަށުން ހިންގާ 11 މަޝްރޫއަކަށް އިންޑިއާއިން ދޭން ބުނި ފައިސާގެ ދެވަނަ އިންސްޓޯލްމަންޓަށް ވާ 11 މިލިއަން ރުފިޔާ ރާއްޖެއަށް ދީފިއެވެ.

އެ ފަންޑުގެ ފުރަތަމަ އިންސްޓޯލްމަންޓް ކަމަށްވާ 10 މިލިއަން ރުފިޔާ ހަވާލު ކޮށްފައި ވަނީ 2020 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.

ހައި ކޮމިޝަނުން ބުނީ އެޗްއައިސީޑީޕީ ތަކާ ގުޅޭގޮތުން 2019 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައި އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދުގައި ސޮއި ކުރި އެމްއޯޔޫ ގެ ދަށުން އިޖްތިމާއީ ގޮތުން މުހިންމު 12 މަޝްރޫއުއެއް ފާހަގަކޮށް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ އެމްއޯޔޫގެ ދަށުން ފޯރުކޮށް ދިނުމަށް ހަމަޖެހިފައިވާ ޖުމްލަ ފައިސާގެ އަދަދަކީ 5.6 މިލިއަން ޑޮލަރު (85 މިލިއަން ރުފިޔާ) އެވެ.

އެޗްއައިސީޑީޕީ ސްކީމްގެ ދަށުން މިވަގުތު ރާއްޖޭގައި ކުރިއަށް ދާ މަޝްރޫއު ތަކުގެ ތެރޭގައި އައްޑޫ ސިޓީގެ މަރަދޫ، ހިތަދޫ އަދި ހުޅުދޫގައި ގާއިމް ކުރާ މަސް ޕްރޮސެސިން 3 ޕްލާންޓާއި، އައްޑޫ ސިޓީގެ ފޭދޫ، މީދޫ، ހިތަދޫ، ހުޅުދޫ އަދި މަރަދޫ ގައި ގާއިމް ކުރުމަށް ހަމަޖެހިފައި ވާ 5 ޓޫރިޒަމް ޒޯންގެ މަޝްރޫއު ހިމެނެވެ.

އޭގެ އިތުރުން ހޯރަފުށީގައި ގާއިމް ކުރާ ފެން ބަންދު ކުރާ ޕްލާންޓްގެ މަޝްރޫއާއި، އައްޑޫ ސިޓީ ހުޅުދޫގައި ގާއިމް ކުރާ ޑްރަގް ޑީޓޮކްސް ސެންޓަރާއި، ހަނިމާދޫ އެގްރިކަލްޗަރަލް ރިސާޗް ސެންޓަރުގައި ގާއިމް ކުރާ ސޮއިލް ޓެސްޓިން ލެބް މަޝްރޫއު ވެސް ހިމެނެއެވެ.